އެޑީކޭ ހޮސްޕިޓަލުން ދިގުމުއްދަތަށް ބޭސް ބޭނުންކުރާ މީހުންނާ، ދުވަސްވީ މީހުންނަށް ޚާއްސަ "އޮންލައިން ސްޕެޝަލިސްޓް ޖީޑީ ކްލިނިކް"އެއް ޤާއިމުކޮށްފިއެވެ.
އޭޑިކޭ ހޮސްޕިޓަލުން ބުނީ ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވެ، ބަލި ފެތުރިގެން ދިއުމުގެ ފުރުޞަތު ކުޑަކުރުމަށް ޤައުމީ ފެންވަރެއްގައި ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އޭޑީކޭއިން ބުނީ ކޮވިޑް ހޮޓްލައިން 1676ން ދޭ ޚިދުމަތްތައް ދިނުމުގެ އިތުރުން، "ރެޕިޑް ރެސްޕޯންސް" ޓީމު ތަކުގައި ބައިވެރިވުމަށް ފަންނީ މުވައްޒަފުން ހަމަޖައްސާ، އެފަދަ ޙާލަތަކަށް ތައްޔާރުވެ ތިބި ކަމަށާއި، ބައިނަލްއަޤުވާމީ އަދި ޤައުމީ އިދާރާތަކުގެ ފަންނީ އިލްތިމާސްތަކާ ލަފާގެ މަތީން، މިދަނޑިވަޅުގައި ބޭނުންކުރުމަށް ކަނޑައަޅާފައިވާ މިންގަނޑު (އެސް.އޯ.ޕީ.) ތައް އެކުލަވާލާ، މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ކުރިޔަށް ގެންގޮސްފައިވާނެ ކަމަށެވެ. އަދި، ބަލީގެ އަލާމާތްތަކާއެކު ހޮސްޕިޓަލަށް މީހަކު އަތުވެއްޖެ ޙާލަތެއްގައި، އެފަދަ މީހުން އެކަހެރިކޮށް ބޭތިއްބޭނެ އިންތިޒާމު ހަމަޖައްސާ، އެފަދަ ފަރާތްތައް ޤައުމީ ކަރަންޓީން މަރުކަޒުތަކަށް ގެންދިއުން ވިލަރެސްކުރާނެ ނިޒާމުވެސް ހަމަޖައްސާފައިވާ ކަމަށް އޭޑީކޭއިން ބުނެއެވެ. މީގެ އިތުރުން އޭޑީކޭއިން ބުނީ އާންމު ހޭލުންތެރިކަން އިތުރުކުރުމަކީ މިފަދަ ރޯގާއަކުން އަރައިގަތުމަށް ބޭނުންވާ އެންމެ މުހިންމު އެއްކަމަކަށްވާތީ، ދުރާލާ މިކަމަށްވެސް ގިނަ މަސައްކަތްތަކެއްކޮށް، ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ބޭނުންތެރި މަޢުލޫމާތު ފަތުރަމުން ގެންދާ ކަމަށެވެ.
އޭޑީކޭއިން ބުނީ ''ސޯޝަލް ސްޓަންސިންގ" އަށް މަގު ފަހިކުރުމުގެ ގޮތުން ރޯގާގެ އަލާމާތެއް ހުރެގެން ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކަށް ހޮސްޕިޓަލަށް ނައިސް ''އޮންލައިން ފްލޫ ކްލިނިކް" އެއް ތަޢާރަފް ކުރުމާއެކު، އެޚިދުމަތުގެ ބޭނުން ގިނަ ޢަދަދެއްގެ ބަޔަކު ހިފަމުންދާ ކަމަށެވެ. އަދި ދިގުމުއްދަތަށް ބޭސް ބޭނުންކުރާ މީހުންނާ، ދުވަސްވީ މީހުންނަށް ޚާއްސަ "އޮންލައިން ސްޕެޝަލިސްޓް ޖީޑީ ކްލިނިކް" އެއްވެސް މިހާރު ޤާއިމުކޮށް ޚިދުމަތްދޭން ފަށާފައިވާ ކަމަށް އޭޑީކޭއިން ބުނެއެވެ.
އޭޑިކޭއިން ބުނީ ކޮވިޑް-19 ގެ ޙާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެ ޙާލަތެއްގައިވެސް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް، ފުރިހަމަ އެއްބާރުލުންދީގެން މަސައްކަތްކުރުމަށް ހޮސްޕިޓަލުން ތައްޔާރުވެފައިވާ ކަމަށެވެ.