ކ. މާލެ
|
16 މާރޗް 2020 | ހޯމަ 19:55
އޮލިމްޕިކް ގޭމްސް 2020
އޮލިމްޕިކް ގޭމްސް 2020
އޭއެފްޕީ
ކޮރޯނާވައިރަސް (ކޮވިޑް-19)
އޮލިމްޕިކްސްއާ ގުޅޭގޮތުން އަންގާރަ ދުވަހު މަޝްވަރާކުރަނީ
އޮލިމްޕިކްސް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ވަނީ ޖުލައި 24 އިން އޮގަސްޓް 9 އަށް
މި ތާރީޚަށް ބަދަލެއް ނާންނާނެ ކަމަށް ޖަޕާނުގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައި

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސް 2020 އާ ގުޅޭގޮތުން އޮލިމްޕިކްސް އޯގަނައިޒަރުންގެ މެދުގައި އަންގާރަ ދުވަހު މަޝްވަރާ ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިއަހަރުގެ އޮލިމްޕިކްސް ޓޯކިޔޯގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ ވަނީ ޖުލައި 24 އިން އޮގަސްޓް 9 އަށެވެ.

މިހާރު ހަލުވިކަމާއެކު މުޅި ދުނިޔޭގައި ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އެކި ކުޅިވަރު މުބާރާތްތައް ފަސްކުރަމުން އަންނަ އިރު، އޮލިމްޕިކްސްއަށްވެސް މީގެ އަސަރުކުރާނެ ކަމަށް ބެލެވެއެވެ.

އެކަމަކު ދާދި ފަހުން ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ، އޮލިމްޕިކްސް ބާއްވަން ހަމަޖެހިފައި އޮތް ތާރީޚުގައި ގޭމްސް ބޭއްވޭނެ ކަމަށެވެ. އަދި މި ގޭމްސް ޖަޕާނުގައި ބާއްވާނީ ސަލާމަތީގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅަކާއެކުގައި ކަމަށްވެސް ވިދާޅުވި އެވެ.

ނަމަވެސް ވައިރަހާ ގުޅިގެން ގޭމްސްއަށް ދިމާވާނެ ކަންކަމާ ގުޅޭގޮތުން އަންގާރަ ދުވަހު އޮލިމްޕިކްސް އޯގަނައިޒަރުންގެ މެދުގައި މަޝްވަރާ ކުރާ ގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ. އެގޮތުން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އާއި ބައިނަލްއަގުވާމީ އެކި ކުޅިވަރު ފެޑެރޭޝަންތަކާއެކު އަންގާރަ ދުވަހު ޓެލެކޮންފެރެންސް މެދުވެރިކޮށް މި ބައްދަލުވުން ކުރިއަށްދާނެ އެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން އޮލިމްޕިކްސްއަށް އަސަރުކުރާނެ ކަމަށް ބެލެވުނު ނަމަވެސް، އޮލިމްޕިކަށް ޖަޕާނުން އަންނަނީ ވަރަށް ބޮޑެތި ތައްޔާރީތައް ވަމުންނެވެ. އެގޮތުން މިފަހަރުގެ ގޭމްސް ތިވާވެއްޓާ ރައްޓެހި ގޭމްސްއަކަށް ހެދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި ފަހަރުގެ މެޑެލްތައް އިލެކްޓްރޯނިކް ކުނިބުނި ރިސައިކަލްކޮށްގެން ތައްޔާރުކޮށްފައިވާއިރު، އޮލިމްޕިކް ޓޯޗު ތައްޔާރުކޮށްފައި ވަނީ އެލުމިނަމްގެ ކުނިބުނިންނެވެ. އަދި މުބާރާތުގެ އެކިއެކި އިވެންޓްތަކުގައި ބަހައްޓާ ޕޯޑިއަމްތައް ކަނޑަށް އުކާލައިފައި ހުންނަ އެކި ބާވްތަތްކުގެ ޕްލާސްޓިކް ކުނިން ތައްޔާރުކޮށްފައިވާ އިރު، މުބާރާތުގެ ތެރޭގައި ބޭނުންކުރާ ކަރަންޓަކީ އިޔާދަކުރަނިވި ހަކަތަ އެވެ. އަދި އޮލިމްޕިކްސް އާއި ޕެރައޮލިމްޕިކްސްގެ އެތުލީޓުންނާއި އޮފިޝަލުންނަށް ހާއްސަކޮށްގެން ކާޑްބޯޑުން ތައްޔާރުކޮށްފައިވާ އެނދުތައް ބޭނުންކުރަން ވަނީ ނިންމާފައެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަކުން މިހާތަނަށް ކޮރޯނާވައިރަސް (ކޮވިޑް-19) ފެނިފައިވާއިރު، ޖަޕާނުގައި މިހާތަނަށް 800 އަށްވުރެ ގިނަ މީހުންނަށް ވަނީ މި ވައިރަސް ޖެހިފައެވެ. އަދި އެ ގައުމުން މި ބަލީގައި މިހާތަނަށް 27 މީހަކު ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް