ކ. މާލެ
|
16 މާރޗް 2020 | ހޯމަ 16:04
އެމްޑީޕީ ޕީޖީގެ ލީޑަރ އަލީ އާޒިމް
އެމްޑީޕީ ޕީޖީގެ ލީޑަރ އަލީ އާޒިމް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މަޖިލިސް މެމްބަރުންގެ މުސާރައިން %20 އުނިކުރުމަށް އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕުން އެދެނީ
އާޒިމް ވިދާޅުވީ މިނިންމެވުމަކީ މިވަގުތު ރާއްޖޭގެ ހާލަތަށް ބައްލަވާ މިވަގުތަށް ނިންމެވި ނިންމެވުމެއްކަމަށް
މިއިސްލާހު ފާސްވެއްޖެނަމަ މަޖިލީހުގެ މެމްބަރަކަށް ލިބިވަޑައިގަންނަވާނީ 65،600 ރުފިޔާ

ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ މުސާރައިން %20 އުނިކުރުމަށް އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕުން އެދުމަށް ނިންމާފައިވާކަމަށް އެމްޑީޕީ ޕީޖީ ގެ ލީޑަރ އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އެކަމާއި ގުޅިގެން އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ ޕީޖީގެ ފަރާތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މެދުވެރިކޮށް މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށް ނިންމާފައިވާކަމަށެވެ. މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރުމަށް ހުށަހަޅާކަން އާޒިމް ހާމަކުރައްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ޚަރަދުތަކުގެ 19.3 މިލިއަން ރުފިޔާ ކުޑަކުރުމަށް ފިނޭންސް މިނިސްޓަރ އެދިވަޑައިގަންފައި ވަނިކޮށެވެ.

މިކަމާއި ގުޅޭގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ މިނިންމެވުމަކީ މިވަގުތު ރާއްޖޭގެ ހާލަތަށް ބައްލަވާ މިވަގުތަށް ނިންމެވި ނިންމެވުމެއްކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް މުސާރައިގެ ގޮތުގައި 42،000ރ. ލިބިވަޑައިގަންނަވަ އެވެ. ހައުސިން އެލަވަންސަށް 20،000ރ. އަދި ކޮމިޓީ އެލަވަންސަށް ލިބޭ 20،000ރ. އާ އެކު ޖުމްލައަކީ 82،000ރ. އެވެ. މިއިސްލާހު ފާސްވެއްޖެނަމަ މަޖިލީހުގެ މެމްބަރަކަށް ލިބިވަޑައިގަންނަވާނީ 65،600 ރުފިޔާ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 251 ވަނަ މާއްދާފައި ބުނަނީ މި ގަވާއިދުގައި މެންބަރެއްގެ މުސާރައާއި ޢިނާޔަތްތައް ކެނޑުމަށް ގޮތެއް ނިންމުމުގައި ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މަޖިލީހުގެ ތިންބައިކުޅަ ދެބައި ގެ އަޣްލަބިއްޔަތުން ފާސްކުރަންވާނެ ކަމަށެވެ.

- ކޮމެންޓް