Advertisement
ކ. މާލެ
|
15 މާރޗް 2020 | އާދީއްތަ 12:27
އެމްޑަބްލިޔުއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެމްޑަބްލިޔުއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެމްޑަބްލިޔުއެސްސީ
އެމްޑަބްލިޔުއެސްސީ
ކޮވިޑް-19: ކޮންމެ ބިލަކުން އެއް ޓަނު ފެން ހިލޭ ދޭގޮތަށް ހަމަޖައްސައިފި
މިވަގުތު 44،033 ކަސްޓަމަރުން އެބަތިބި
12 މާރޗުން ފެށިގެން 30 ދުވަހުގެ ނިޔަލަށް އެއް ޓަނު ފެން ހިލޭ ލިބޭނެ، ބިލުން އުނިކޮށްދޭނެ
އެމްޑަބްލިޔުއެސްސީން ބުނީ ތިން މިލިއަނެއްހާ ރުފިޔާ މިކަމަށް ޚަރަދުވާނެ ކަމަށް

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) ދޫކުރާ ފެނުގެ ޚިދުމަތުން ކޮންމެ ބިލަކުން އެއް ޓަނު ފެން ހިލޭ ލިބޭގޮތަށް އެކުންފުނިން ހަމަޖައްސައިފި އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، ކޮންމެ ކަސްޓަމަރަކަށް އެއް ޓަނު ފެން ހިލޭ ދިނުމަށް ހަމަޖައްސައިދިނުމުގެ މަޤްޞަދަކީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް ރާއްޖެއިންވެސް ފެނިފައިވުމާއެކު، ރާއްޖޭގައި މިވައިރަސް އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި، ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން، އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

މީގެއިތުރުން، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ އެންމެ މުހިއްމު އެއް ފިޔަވަޅަކީ، ސައިބޯނި ލައިގެން ގިނަ ގިނައިން އަތް ދޮވުންކަމަށް، ކަމާބެހޭ ރަސްމީ ފަރާތްތަކުންނާއި ސިއްހީ މާހިރުން އިރުޝާދު ދެއްވާފައިވާތީ، މިކަމުގައި ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމާއެކު، ގިނަ ގިނައިން އަތްދޮވުމަށް ބާރު އެޅުމުގެ ގޮތުން ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

އަތް ދޮވުމުގަޔާއި އަދި އެހެނިގެން ކަންކަމަށް ފެން ބޭނުން ކުރުމުގައި ޒިންމާދާރުކަމާއެކު ވީހާވެސް އިސްރާފު ކުޑަވާނެހެން ހުރިހާ ފަރާތްތަކުންވެސް އަމަލުތައް ބެހެއްޓުމަށް ވެސް އެމްޑަބްލިޔުއެސްސީން އެދިފައި ވެއެވެ.

އެމްޑަބްލިޔުއެސްސީގައި މިވަގުތު 44،033 ކަސްޓަމަރު ތިއްބެއެވެ. އެހެންކަމުން އެއިން ކޮންމެ ކަސްޓަމަރަކަށް އެއް ޓަނު ފެން ހިލޭ ލިބޭނެ އެވެ.

Advertisement

އެއް ޓަނު ފެނަކީ 1،000 ލީޓަރެވެ. އެހެންކަމުން ދުވާލަކަށް ކޮންމެ ކަސްޓަމަރަކަށް 33 ލީޓަރު ފެން ހިލޭ ލިބޭނެ އެވެ. އެއީ ގާތްގަނޑަކަށް 5 ލީޓަރުގެ 6 ފުޅިފެނެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، 500 އެމްއެލްގެ ފެންފުޅިއަކުން އެކަކަށް އެއް ފަހަރު ރަނގަޅަށް އަތް ދޮވެލެވޭނެ ކަމަށާއި އެހެންކަމުން 10 މީހުން އުޅޭ ގޭބީސީއަކުން ކޮންމެ ދުވަހަކު، ކޮންމެ މީހަކަށްވެސް ފަސް ފަހަރު ނުވަތަ ހަ ފަހަރު ރަނގަޅަށް އަތް ދޮވެލެވޭނެ ކަމަށެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، މި މާރޗު މަހުގެ 12 އިން ފެށިގެން 30 ދުވަހުގެ ނިޔަލަށް އެއްޓަނު ފެން ކޮންމެ ކަސްޓަމަރަކަށްވެސް ހިލޭ ލިބޭނެ ކަމަށެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެކުންފުނީގެ ސީއެސްއާރު (އިޖުތިމާއީ ޒިންމާ)ގެ ދަށުން ހިންގާ މިހަރަކާތުން ތިން މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް