ދިއުޅި ދިގުވަނީ ތާހަށް ނުލައި ޖަޒުބާތުން ދުރުވެ ކަންކަން ކުރަންޖެހޭ ގޮތަށް ކުރާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.
އަކްރަމް މިހެން ވިދާޅުވީ ޕީއެންސީގެ ނައިބު ރައީސް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއުއަށް ރައްދެއްގައެވެ.
އީސީގެ މެންބަރުންނަށް ރައްދުކުރައްވައި ޝުޖާއު ވިދާޅުވީ ކޮވިޑް-19ގެ ރާއްޖެއިން ފެނިފައިވާ މިދަނޑިވަޅުގައި ރައްޔިތުން ތިބީ ހާސްކަމެއްގެ ތެރޭގައި ކަމަށެވެ. ލޯކަލް ކައުންސިލް އިންތިޚާބުގެ މަސައްކަތްތަކުގައި ގޮތް ނިންމަން ނުކުރޭ ކަމަށްވާނަމަ އިސްތިޢުފާ ދެއްވުމަށް ވަނީ ގޮވާލައްވާފައެވެ. އަދި ކޮމިޝަނުން ނިންމަންޖެހޭ ކަންކަމުގައި ދިއުޅިދިގު ކަމަށް ބުނެ ފާޑު ވިދާޅުވިއެވެ.
ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްވުރެ މުހިންމު ނެތްކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ އިންތިޚާބު ފަސްކުރުމަށް ކޯޓަށް ދެވޭނީ އީސީން ގޮތެއް ނިންމައިގެން ކަމަށެވެ. އަދި ސިޔާސީ ޕާޓީ ތަކަކީ ނަމެއްގައި ތިބޭ ބައެއް ނޫން ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއުގެ މިފާޑުކިއުންތަކަށް ރައްދު ދެއްވައި އަކްރަމް ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ ނިންމުންތައް ނިންމާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އަދި ކޮވިޑް-19ގެ މި ބިރުވެރި ހާލަތުން ގައުމުން އަރައިގަތުމަށްކުރާ މަސައްކަތުގައި އެންމެން ބައިވެރިވެ ސިޔާސީ ޖަޒުބާތުން ދުރުވެ ކުރިއަށް ދިއުމަށް ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން އަކްރަމް ވިދާޅުވީ ދިއުޅި ދިގުވަނީ ތާހަށް ނުލައި ޖަޒުބާތުން ދުރުވެ ކަންކަން ކުރަންޖެހޭ ގޮތަށް ކުރާތީ ކަމަށާއި، އިންތިޚާބުގެ އެންމެހައި މަސައްކަތައް ކުރިއަށްދަނީ ވަރަށް ފުރިހަމައަށް ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން މިމަހުގެ 12 ވަނަ ދުވަހު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން އޭޕްރީލްމަހުގެ 04 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބު އޭޕްރީލް މަހުގެ 18 އަށް ވަނީ ލަސްކޮށްފައެވެ.