ކ. މާލެ
|
15 މާރޗް 2020 | އާދީއްތަ 00:42
އޮލިމްޕިކް ގޭމްސް 2020
އޮލިމްޕިކް ގޭމްސް 2020
އޭއެފްޕީ
ކޮރޯނާވައިރަސް (ކޮވިޑް-19)
އޮލިމްޕިކްސް ބާއްވާ ތާރީޚަށް ބަދަލެއް ނާންނާނެ: ޖަޕާން
އޮލިމްޕިކްސް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ވަނީ ޖުލައި 24 އިން އޮގަސްޓް 9 އަށް
މި ތާރީޚަށް ބަދަލެއް ނާންނާނެ ކަމަށް ޖަޕާނުގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައި

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސް 2020 ފަސްނުކުރާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ އޮލިމްޕިކްސް ޓޯކިޔޯގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ ވަނީ ޖުލައި 24 އިން އޮގަސްޓް 9 އަށެވެ.

މިހަރު ހަލުވިކަމާއެކު މުޅި ދުނިޔޭގައި ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އެކު ކުޅިވަރު މުބާރާތްތައް އަންނަނީ ފަސްކުރަމުންނެވެ.

ނަމަވެސް ދާދި ފަހުން ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ، އޮލިމްޕިކްސް ބާއްވަން ހަމަޖެހިފައި އޮތް ތާރީޚުގައި ގޭމްސް ބޭއްވޭނެ ކަމަށެވެ. އަދި މި ގޭމްސް ޖަޕާނުގައި ބާއްވާނީ ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅަކާއެކުގައި ކަމަށްވެސް ވިދާޅުވި އެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ މިހެން ވިދާޅުވިއިރު، މީގެ ކުރިން ޖަޕާނުގެ އޮލިމްޕިކް މިނިސްޓަރު ސެއިކޯ ހަޝިމޯޓޯ ވަނީ މިއަހަރުގެ ފަހު ކޮޅަށް ގޭމްސް ފަސްކުރަން ޖެހިދާނެ ކަމަށް ވިދާޅުވެފައެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން އޮލިމްޕިކްސްއަށް އަސަރުކުރާނެ ކަމަށް ބެލެވުނު ނަމަވެސް، އޮލިމްޕިކަށް ޖަޕާނުން އަންނަނީ ވަރަށް ބޮޑެތި ތައްޔާރީތައް ވަމުންނެވެ. އެގޮތުން މިފަހަރުގެ ގޭމްސް ތިވާވެއްޓާ ރައްޓެހި ގޭމްސްއަކަށް ހެދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި ފަހަރުގެ މެޑެލްތައް އިލެކްޓްރޯނިކް ކުނިބުނި ރިސައިކަލްކޮށްގެން ތައްޔާރުކޮށްފައިވާއިރު، އޮލިމްޕިކް ޓޯޗު ތައްޔާރުކޮށްފައި ވަނީ އެލުމިނަމްގެ ކުނިބުނިންނެވެ. އަދި މުބާރާތުގެ އެކިއެކި އިވެންޓްތަކުގައި ބަހައްޓާ ޕޯޑިއަމްތައް ކަނޑަށް އުކާލައިފައި ހުންނަ އެކި ބާވްތަތްކުގެ ޕްލާސްޓިކް ކުނިން ތައްޔާރުކޮށްފައިވާ އިރު، މުބާރާތުގެ ތެރޭގައި ބޭނުންކުރާ ކަރަންޓަކީ އިޔާދަކުރަނިވި ހަކަތަ އެވެ. އަދި އޮލިމްޕިކްސް އާއި ޕެރައޮލިމްޕިކްސްގެ އެތުލީޓުންނާއި އޮފިޝަލުންނަށް ހާއްސަކޮށްގެން ކާޑްބޯޑުން ތައްޔާރުކޮށްފައިވާ އެނދުތައް ބޭނުންކުރަން ވަނީ ނިންމާފައެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަކުން މިހާތަނަށް ކޮރޯނާވައިރަސް (ކޮވިޑް-19) ފެނިފައިވާއިރު، ޖަޕާނުގައި މިހާތަނަށް 800 އަށްވުރެ ގިނަ މީހުންނަށް ވަނީ މި ވައިރަސް ޖެހިފައެވެ. އަދި އެ ގައުމުން މި ބަލީގައި މިހާތަނަށް 22 މީހަކު ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް