Advertisement
ކ. މާލެ
|
14 މާރޗް 2020 | ހޮނިހިރު 08:02
މަސްވެރިއެއް
މަސްވެރިއެއް
ރާއްޖެ އެމްވީ
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން
200 ޓަނަށްވުރެ ގިނަ ކަންނެލި ނުކިރި ތިބެންޖެހުމުން ކަންބޮޑުވޭ: ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން
އެތައް ސަތޭކަ މަސްވެރި އާއިލާއެއްގެ އާމްދަނީ ވަނީ ހުއްޓުމަކަށް އައިސްފައިކަން ފާހަގަކޮށްފައިވޭ
ދިމާވެފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯއްދަވައިދިނުމަށް ވަނީ ގޮވާލާފައި
މަސް ބޭރުކުރުމަށް ހުރަސްތައް ކުރިމަތިވަމުންދާކަން ވަނީ ފާހަގަކޮށްފައި

200 ޓަނަށްވުރެ ގިނަ ކަންނެލި ނުކިރި ބަނަދަރުތަކުގައި ތިބެން ޖެހުމުން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއިން ކަންބޮޑުވުންފާޅުކޮށްފި އެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއިން ނެރެފައިވާ ބަޔާނެއްގައި ވަނީ މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ސަބަބުން ދުނިޔޭގެ އިޤްތިސާދަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ދިވެހިރާއްޖޭގެ އިޤްތިސާދަށް ލޮޅުންއަރަމުންދާ މި ދަނޑިވަޅުގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބޮޑުބައެއް ހިއްސާކުރާ ބޮޑުކަންނެލި މަސްވެރިންނަށް ނުހަނު ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައިވާކަމީ އެޖަމްއިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

ކޮންމެ އަހަރެއްގެ ވެސް މިދުވަސްވަރަކީ ބޮޑު ކަންނެލި މަސްވެރިކަން ރަނގަޅުވެ، މަސްވެރިންނަށް އެކަށޭނެ ނަފާއެއް ހޯދުމަށް ޚާއްސަކޮށް މަސައްކަތް ކުރެވޭ ދުވަސްވަރެއްކަން ފާހަގަ ކުރާކަމަށާއި ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ކަންނެލި މަހުގެ ޑިމާންޑް ދަށްވަމުންދާކަމަށްބުނެ ބޮޑު ކަންނެލި މަސްގަންނަ ފަރާތްތަކުން ކަންނެލިގަތުން ދަށްކޮށްފައިވާތީއާއި، މަސް ބޭރުކުރުމަށް ހުރަސްތައް ކުރިމަތިވަމުންދާތީ އެތައް ސަތޭކަ މަސްވެރި އާއިލާއެއްގެ އާމްދަނީ ހުއްޓުމަކަށް އައިސްފައިވާކަމަށް ބަޔާނުގައި ވެއެވެ.

މިވަގުތުވެސް 40 އަށް ވުރެ ގިނަ ކަންނެލި އޮޑި، 200 ޓަނަށްވުރެ ގިނަ ކަންނެލި ނުކިރި ބަނަދަރުތަކުގައި ތިބިކަމީ އެ ޖަމްއިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި، ބޮޑު ކަންނެލި މަސްވެރިކަމުން ނަފާލިބި ދިވެހިރާއްޖޭގައި ދިރިއުޅޭ 30 ހާހެއްހާ ރައްޔިތުންގެ ދިރިއުޅުމުގެ ޒަރޫރަތްތައް ފުއްދައިގެން ތިބެވޭނެ މަގަކަށް ކަންކަން ގެންދިއުމަށް ސަރުކާރަށާއި މަސްގަންނަ ފަރާތްތަކަށް ވަނީ ގޮވާލާފައެެވެ.

Advertisement

"އެނގިވަޑައިގްނަނަވާނެފަދައިން ދުނިޔޭގެ އިޤްތިސާދު ރަނގަޅުވެ، މަހުގެ ޑިމާންޑް ރަނގަޅު ވަގުތުތަކުގައިވެސް ބޮޑު ކަންނެލި މަސްވެރިންނަށް ރަނަގަޅު އަގެއްގައި މަސްކޮޅު ވިއްކައި ނުލެވޭކަން ހިތާމައާއި އެކު ފާހަގަ ކުރަން. 2008 އިން ފެށިގެން ކުރިމަތިވެފައިވާ އިޤްތިސާދީ ހީނަރުކަމުގެ ސަބަބުން ފައިދާ ވެފައިވަނީ މުއްސަނދި މަދު ވިޔަފާރިވެރިންނަށް އެކަނި. އެބައިމީހުންގެ މުދާ އިތުރުވެ ވިޔަފާރި އިތުރަށް ފުޅާ ކުރި. އާންމު މަސްވެރިންތިބީ މީ އޮތްގޮތްކަމަށް ޤަބޫލުކޮށް ބުރަ މަސައްކަތް ކުރުމުގައި" ބަޔާނުގައި ވެއެވެ.

އެހެންކަމުން ސަރުކާރާ،އި ބޮޑު ކަންނެލި ގަންނަ ފަރާތްތަކާއި، ބޮޑު ކަންނެލި މަސްވެރިން ހިމެނޭ ގޮތަށް މަޝްވަރާ ކުރެވި މަސްވެރިންނަށް އެމީހުންގެ އާއިލާތަކުގެ ޒަރޫރީ ބޭނުންތަށް ފުއްދައިގެން އުޅެވޭ ވަރުގެ ފައިސާގެ ތަނަވަސްކަން ފޯރުކޮށްދެވޭނެ ވަރުގެ ގޮތްތަކެއް ހަމަޖައްސައި އަވަސް ފިޔަވަޅުތަކެއް އަޅައި، މަސްވެރިކަމުގެ ސިނާޢަތް ސަލާމަތްކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ޒިންމާ ކަމުން، ދިމާވެފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ވަނީ ގޮވާލާފައެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ މައިގަނޑު އެއް މަޤްސަދަކީ، ބޮޑުކަންނެލި މަސްވެރިކަމުގައި މަސައްކަތް ކުރާ މަސްވެރިންނާއި މަސްވެރި އާއިލާ ތަކާއި އޮޑިވެރިންގެ ހައްގުތައް ރައްކާތެރިކޮށް އެ ހައްގުތަކާއެކު އިންޑަސްޓްރީވެސް ކުރިއެރުން ކަމުގައިވުމުން، މިފަދަ ދަނަޑިވަޅުތަކުގައި މުޅި ސިނާޢަތުގެ މަސްލަހަތު އިސްކޮށް ހިކުމަތްތެރިކަމާއެކު ހައްލުތަކެއް ހޯޢްދަވައިދެއްވުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް