ފްރާންސްގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން ފްރެންޗު ލީގުގެ މެޗުތައް ފަސްކޮށްފިއެވެ.
ފްރެންޗު ލީގުގެ މެޗުތައް ފަސްކުރިއިރު ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ކީލިއަން އެމްބާޕޭ ވަނީ ކޮރޯނާވައިރަސް އަށް ޓެސްޓު ކޮށްފައެވެ.
ފްރެންޗު ލީގުގެ މެޗުތައް ފަސްކުރުމަށް ނިންމީ ފްރާންސްގެ ފުޓްބޯޅައިގެ މައި އިދާރާއިން ޓީމުތަކާއި އެކު ބޭއްވުނު ކުއްލި ބައްދަލުވުމަށްފަހު އެވެ. ފްރެންޗު ލީގުގެ މެޗުތައް ފަސްކުރަން ނިންމީ އަންނަ އޭޕްރީލް މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.
ފްރެންޗު ލީގުގެ އިތުރުން ސްޕެނިޝް ލީގާއި، އިޓާލިއަން ލީގާއި، ޕްރިމިއާ ލީގުގެ މެޗުތައް ވެސް ވަނީ ފަސްކޮށްފައެވެ. އަދި ޔޫރަޕްގެ އެންމެ ބޮޑު ދެ މުބާރާތް ކަމުގައިވާ ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ޔޫރޮޕާ ލީގުގެ މެޗުތައް ވެސް ވަނީ ފަސްކުރުމަށް ނިންމައިފައެވެ.
ފްރާންސްގައި ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ފްރާންސްގެ ސަރުކާރުން ވަނީ އެގައުމުގައި 1000 މީހުން އެއްވެގެން ބާއްވާ ހުރިހާ ހަރަކާތެއް ބޭއްވުން މަނާ ކޮށްފައެވެ.
ފްރާންސް އިން މިހާތަނަށް 2876 މީހުން ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވާއިރު، އެގައުމުން 61 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.
ދުނިޔޭގެ ގައުމުތަކުން 125،000 އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވާއިރު މި ވައިރަސް މިހާރު ދުނިޔޭގެ 118 ގައުމަކަށް ވަނީ ފެތުރިފައެވެ. އަދި މިވައިރަސްގައި މަރުވި މީހުންގެ އަދަދު 4600 އަށް ވުރެ ވަނީ އިތުރުވެފައެވެ.