ޔޫރަޕްގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ޔުއެފާ ޗެމްޕިއަންސް ލީގުގެ މެޗުތަކާއި ޔުއެފާ ޔޫރޮޕާ ލީގުގެ މެޗުތައް ފަސްކުރުމަށް ޔުއެފާއިން ނިންމައިފިއެވެ.
ޔުއެފާއިން މެޗުތައް ފަސްކުރީ މާޗު 20 ގެ ނިޔަލަށެވެ.
ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާއިން ބުނީ މެޗުތައް އިތުރަށް ފަސްކުރުން އެކަށީގެންވާ ކަމަށާއި މި ނިންމުން ނިންމާނީ އިތުރަށް ބެލުމަށްފަހުގައި ކަމަށެވެ.
ޔުއެފާއިން މެޗުތައް ފަސްކުރިއިރު، ޔޫރަޕްގެ ބޮޑެތި ހުރިހާ ލީގެއްގެ މެޗުތައް ވަނީ ފަސްކޮށްފައެވެ. އެގޮތުން އިޓާލިއަން ލީގާއި، ސްޕެނިޝް ލީގާއި، ޕްރިމިއާ ލީގުގެ އިތުރުން ފްރެންޗު ލީގު ހިމެނެއެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޔޫރަޕުގެ ބައެއް ކުޅުންތެރިން ޕޮޒިޓިވްވެފައިވާއިރު، މި ވައިރަސްގެ ސަބަބުން އާސެނަލް، ޔުވެންޓަސް، މެންޗެސްޓާ ސިޓީ، ވަޓްފޯޑް، އެވެޓަން އަދި ރެއާލް މެޑްރިޑްގެ ކުޅުންތެރިން ވަނީ ކަރަންޓީނުކޮށްފައެވެ.
ދުނިޔޭގެ ގައުމުތަކުން 125،000 އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވާއިރު މި ވައިރަސް މިހާރު ދުނިޔޭގެ 118 ގައުމަކަށް ވަނީ ފެތުރިފައެވެ. އަދި މިވައިރަސްގައި މަރުވި މީހުންގެ އަދަދު 4600 އަށް ވުރެ ވަނީ އިތުރުވެފައެވެ.