މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ފަސްކޮށްފި އެވެ.
ޕްރިމިއާ ލީގު މެޗުތައް ފަސްކުރަން ނިންމީ ހުކުރު ދުވަހު ކްލަބުތަކާއެކު ބޭއްވި ކުއްލި ބައްދަލުވުމުގައެވެ. އެގޮތުން އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ލީގު މެޗުތައް ވަނީ މެދުކަނޑާލާފައެވެ. ޕްރިމިއާ ލީގުގެ އިތުރުން، އިންގްލެންޑުގައި ކުރިއަށްދާ ހުރިހާ ފުޓްބޯޅަ މުބާރާތްތައްވެސް ވަނީ އޭޕްރީލް ތިނެއްގެ ނިޔަލަށް މެދުކަނޑާލާފައެވެ.
ލީގު މެޗުތައް ފަސްކުރަން ނިންމީ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.
އަދި އެވަޓަން، ޗެލްސީ، އާސެނަލް އަދި ވަޓްފޯޑުގެ ކުޅުންތެރިންގެ އިތުރަށް މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ބެންޖަމިން މެންޑީ އާއި ލެސްޓާ ސިޓީގެ ތިން ކުޅުންތެރިއަކު ވަނީ ސެލްފް-އައިސޮލޭޝަނަށް ގޮސްފައެވެ.
ދާދި ފަހުން ޔުނައިޓެޑް ކިންގްޑަމްގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން އިންގްލެންޑުގައި ކުރިއަށްދާ ހުރިހާ ކުޅިވަރު ހަރަކާތްތަކެއް ވަގުތީގޮތުން ހުއްޓާލުމަށް މަޝްވަރާކުރަމުންދާ ކަމަށޑް ވިދާޅުވެފައެވެ.
އިންގްލެންޑުގައި 590 މީހުންނަށް މިހާތަނަށް މި ބަލި ޖެހިފައިވާއިރު، މި ބައްޔާ ގުޅިގެން އެގައުމުން ވަނީ 10 މީހުން މަރުވެފައެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި ޗެލްސީގެ ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވް ވިއިރު، މީގެ ކުރިން އިޓާލިއަން ލީގުގެ ދެ ކުޅުންތެރިއަކު ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. އެއީ ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއެލް ރުގާނީ އާއި ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑިނީ އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުން ކޮރޯނާވައިރަސް (ކޮވިޑް-19) މިހާރު ފެނިފައިވާއިރު، ގިނަ ގައުމުތަކުން އަންނަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް އެއްވެސް ކުޅިވަރު ހަރަކާތެއް ނުބޭއްވުމަށް އިޓަލީން ނިންމާފައިވާއިރު، ސްޕެނިޝް ލީގާއި ފްރެންޗު ލީގުގެ މެޗުތައްވެސް މިހާރު ވަނީ ފަސްކޮށްފައެވެ.