އިނގިރޭސި ކްލަބު އެވަޓަންގެ ކުޅުންތެރިއެއްގެ ފަރާތުން ކޮރޯނާވައިރަސް (ކޮވިޑް-19) ގެ އަލާމާތްތައް ފެނުމާއި ގުޅިގެން އެޓީމު ކުޅުންތެރިންނާއި ކޯޗުން އަދި އޮފިޝަލުން ސެލްފް-އައިސޮލޭޝަނަށް ދިޔުމަށް ނިންމައިފައިއެވެ.
އެވަޓަންގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ކޯޗުން އައިސޮލޭޝަނަށް ދިޔައިރު ޗެލްސީގެ ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި އާއި އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާ އާއި ލެސްޓާ ސިޓީގެ ތިން ކުޅުންތެރިޔަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި ވަޓްފޯޑުގެ ކުޅުންތެރިންވެސް ސެލްފް-އައިސޮލޭޝަނަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެވަޓަން އިން ނެރުނު ބަޔާނުގައި ބުނީ އެ ކްލަބްގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި އަދި ކޯޗުން ސެލްފް-އައިސޮލޭޝަނަށް ދިޔުމަށް ނިންމައިފައިވާ ކަމަށާއި މި ނިންމުން ނިންމީ އެ ކްލަބްގެ ކުޅުންތެރިޔެއްގެ ފަރާތުން ކޮރޯނާވައިރަސް (ކޮވިޑް-19) ގެ އަލާމާތްތައް ފެނުމާއި ގުޅިގެން ކަމަށެވެ.
އެވަޓަންގެ ކުޅުންތެރިން ސެލްފް-އައިސޮލޭޝަނަށް ދިޔައިރު، އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ފަސްކުރުމަށް ހުކުރު ދުވަހު ނިންމާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންގްލެންޑުގައި 500 އަށް ވުރެ ގިނަ މީހުންނަށް މިހާތަނަށް މި ބަލި ޖެހިފައިވާއިރު، މި ބައްޔާ ގުޅިގެން އެގައުމުން ވަނީ 10 މީހުން މަރުވެފައެވެ.