ޔުއެފާ ޔޫރޮޕާ ލީގުގެ ގަދަ 16 އިގެ ފުރަތަމަ ލެގުގައި އޮސްޓްރިއާގެ ލިންޒާ އެތުލެޓިކް ސްޕޯޓްސް ކްލަބު (ލަސްކް) އަތުން ފަސޭހަކަމާއެކު މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެ އެވެ.
އޮސްޓްރިއާގެ ލިންޒުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު ފުރަތަމަ ލެގުގެ މެޗުން ޔުނައިޓެޑް މޮޅުވީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އިގެ ސަބަބުން މި މެޗު ކުޅެފައިވަނީ ސަޕޯޓަރުން ނުވައްދައެވެ.
މި މެޗުގއި ޔުނައިޓެޑުން ލީޑު ނެގީ މެޗުގެ 28 ވަނަ މިނެޓުގައި ނައިޖީރިއާގެ ފޯވާޑް އޮޑިއޯން އިގާލޯ ކާމިޔާބުކުރި ލަނޑުންނެވެ. މިއީ ޖެނުއަރީ މަހު ޔުނައިޓެޑާ ގުޅުނު އިގާލޯ އެޓީމަށް ޖަހައިދިން ހަތަރުވަނަ ލަނޑެވެ.
މި މެޗުގައި ޔުނައިޓެޑަށް ލީޑު ފުޅާކޮށްދިނީ މެޗުގެ 58 ވަނަ މިނެޓުގައި ޑެނިއަލް ޖޭމްސް އެވެ. އަދި މެޗުގެ 82 ވަނަ މިނެޓުގައި ހުއާން މާޓާ ޔުނައިޓެޑުގެ ތިންވަނަ ލަނޑު ޖެހިއިރު، އެޓީމުގެ ހަތަރުވަނަ ލަނޑު އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ޖެހީ މޭސަން ގްރީންވުޑް އެވެ. އަދި ޔުނައިޓެޑުގެ ފަސްވަނަ ލަނޑު މެޗު ނިމެން ސިކުންތުކޮޅަކަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އަންދްރެއާސް ޕެރޭރާ އެވެ.
މި މޮޅާއެކު ޔުނައިޓެޑު ވަނީ ބަލިނުވެ 11 މެޗު ހަމަކޮށްފައެވެ.