މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ޕޮޒިޓިވްވެއްޖެ އެވެ.
އުމުރުން 19 އަހަރުގެ ކަލުމް ހަޑްސަން-އޮޑޯއި ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން އެޓީމުން ވަނީ ކަށަވަރުކޮށްދީފައެވެ. ޗެލްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަލުމް ހަޑްސަން-އޮޑޯއި މި ވައިރަހަށް ޕޮޒިޓިވްވުމާއެކު، މިހާރު އޭނާ ވަނީ އައިސޮލޭޝަނަށް ލާފައިވާ ކަމަށެވެ. އަދި އޭނާއާ ކޮންޓެކްޓްވި އެންމެ މިހާރު ސެލްފް-އައިސޮލޭޝަނަށް ގޮސްފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވިއިރު، އާސެނަލްގެ ކޯޗު މިކޭލް އާޓެޓާވެސް މިހާރު ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. އެއާއެކު ހޮނިހިރު ދުވަހުގެރޭ ރަށުން ބޭރުގައި އާސެނަލުން ބްރައިޓަންއާ ބައްދަލުކުރަން އޮތް މެޗު މިހާރު ވަނީ ފަސްކޮށްފައެވެ. އަދި ހުކުރު ދުވަހުގެ ވަގުތެއްގައި މި ހަފުތާގައި ކުޅެން އޮތް ހުރިހާ މެޗަކާއި މެދު އިނގިރޭސި އެފްއޭ އިން ވަކި ގޮތެއް ނިންމާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ކޮރޯނާވައިރަސް (ކޮވިޑް-19) ފެތުރެމުންދާއިރު، މީގެ ކުރިން ވަނީ މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ބެންޖަމިން މެންޑީ އާއި ލެސްޓާ ސިޓީގެ ތިން ކުޅުންތެރިއަކު ސެލްފް-އައިސޮލޭޝަނަށް ގޮސްފައެވެ. އަދި އިޓާލިއަން ލީގުގެ ދެ ކުޅުންތެރިއަކު މިހާތަނަށް ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. އެއީ ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއެލް ރުގާނީ އާއި ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑިނީ އެވެ.
އިންގްލެންޑުގައި 500 އަށް ވުރެ ގިނަ މީހުންނަށް މިހާތަނަށް މި ބަލި ޖެހިފައިވާއިރު، މި ބައްޔާ ގުޅިގެން އެގައުމުން ވަނީ 10 މީހުން މަރުވެފައެވެ.