މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ އަލާމަތްތައް އާއިލާ މެމްބަރެއްގެ ފަރާތުން ފެނުމާއެކު، އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ބެންޖަމިން މެންޑީ ސެލްފް-އައިސޮލޭޝަނަށް ހިނގައްޖެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ދާދިފަހުން މެންޑީގެ އާއިލާ މެމްބަރެއްގެ ފަރާތުން ކޮރޯނާވައިރަސް (ކޮވިޑް-19) ގެ އަލާމަތްތައް ފެނުމާއެކު ވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިހާރު މެންޑީ ހުރީ ސެލްފް-އައިސޮލޭޝަނުގައެވެ.
އުމުރުން 25 އަހަރުގެ މެންޑީ ސެލްފް-އައިސޮލޭޝަނަށް ދިޔަ ނަމަވެސް، އޭނާ ވަނީ ބުރާސްފަތި ދުވަހު ސިޓީން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައިވެސް ބައިވެރިވެފައެވެ.
ސިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެންޑީ ސެލްފް-އައިސޮލޭޝަނަށް ދިޔައިރު، ކޮރޯނާވައިރަސް (ކޮވިޑް-19) އަށް އޭނާ ޓެސްޓުކުރާނެ ކަމަށެވެ. އަދި އެޓީމުގެ ހުރިހާ ކުޅުންތެރިންގެ ސަލާމަތީ ކަންކަން މިހާރު ބަލަހައްޓަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.
ސިޓީގެ ޑިފެންޑަރު މެންޑީ ސެލްފް-އައިސޮލޭޝަނަށް ދިޔައިރު، ލެސްޓާ ސިޓީގެ ތިން ކުޅުންތެރިއަކު ސެލްފް-އައިސޮލޭޝަނަށް ގޮސްފައިވާ ކަމަށް އެޓީމުގެ ކޯޗު ބްރެންޑަން ރޮޖާސް ދާދިފަހުން ވަނީ ބުނެފައެވެ. ނަމަވެސް އެއީ ކޮން ތިން ކުޅުންތެރިންނެއް ކަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.
އިންގްލެންޑުގައި 500 އަށް ވުރެ ގިނަ މީހުންނަށް މިހާތަނަށް މި ބަލި ޖެހިފައިވާއިރު، މި ބައްޔާ ގުޅިގެން އެގައުމުން ވަނީ 10 މީހުން މަރުވެފައެވެ.