މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ޕޮޒިޓިވްވެއްޖެ އެވެ.
މި ވައިރަހަށް އާޓެޓާ ޕޮޒިޓިވްވިކަން ސްކައިސްޕޯޓްސްއިން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އެއާއެކު މިހާރު އާޓެޓާ އައިސޮލޭޝަނަށް ބަދަލުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އާސެނަލްގެ ކޯޗު އާޓެޓާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވިއިރު، ދާދިފަހުން ވަނީ އާސެނަލްގެ ކުޅުންތެރިންނާއި އޮފިޝަލުންތަކެއް ކަރަންޓީނުކޮށް، އިނގިރޭސި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ އެ ޓީމާއި މެންޗެސްޓާ ސިޓީ ކުޅެން އޮތް މެޗު ފަސްކޮށްފައެވެ.
އާސެނަލުން ޔުރޮޕާ ލީގުގައި މީގެ ދެ ހަފުތާ ކުރިން ގްރީސްގެ އޮލިމްޕިއާކޯސްއާ ބައްދަލުކުރިއިރު، ދާދި ފަހުން އޮލިމްޕިއާކޯސްގެ ވެރިޔާ އެވަންޖެލޯސް މަރިނާކިސް ވަނީ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައެވެ. ރިޕޯޓުތައް ބުނާގޮތުން ލަންޑަނުގައި ކުޅުނު މި މެޗަށްފަހު އާސެނަލްގެ ބައެއް ކުޅުންތެރިން ވަނީ އޭނާއާ ބައްދަލުކޮށްފައެވެ.
އާސެނަލްގެ ކޯޗު އާޓެޓާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވި ނަމަވެސް، މި ހަފުތާ ބަންދުގައި އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެން ހަމަޖެހިފައިހުރި މެޗުތައް އަދި ފަސްކޮށްފައެއް ނުވެއެވެ. އެގޮތުން ހޮނިހިރު ދުވަހުގެރޭ ރަށުން ބޭރުގައި އާސެނަލުން ބްރައިޓަންއާ ބައްދަލުކުރާނެ އެވެ.
އިންގްލެންޑުގައި 500 އަށް ވުރެ ގިނަ މީހުންނަށް މިހާތަނަށް މި ބަލި ޖެހިފައިވާއިރު، މި ބައްޔާ ގުޅިގެން އެގައުމުން ވަނީ 10 މީހުން މަރުވެފައެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުން ކޮރޯނާވައިރަސް (ކޮވިޑް-19) މިހާރު ފެނިފައިވާއިރު، ގިނަ ގައުމުތަކުން އަންނަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް އެއްވެސް ކުޅިވަރު ހަރަކާތެއް ނުބޭއްވުމަށް އިޓަލީން ނިންމާފައިވާއިރު، ސްޕެނިޝް ލީގުގެ މެޗުތައްވެސް ވަނީ މެދުކަނޑާލާފައެވެ. އަދި ފްރެންޗު ލީގުގެ މެޗުތަކަށް ސަޕޯޓަރުން ނުވެއްދުމަށް ވަނީ ނިންމާފައެވެ.