މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑިނީ ޕޮޒިޓިވްވެއްޖެ އެވެ.
އުމުރުން 28 އަހަރުގެ މަނޯލޯ ގަބިއަޑިނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން އެޓީމުން ވަނީ ކަށަވަރުކޮށްދީފައެވެ. ރިޕޯޓުތައް ބުނާގޮތުން މަނޯލޯ ގަބިއަޑިނީ މި ވައިރަހަށް ޕޮޒިޓިވްވުމާއެކު، މިހާރު އޭނާ ވަނީ އައިސޮލޭޝަނަށް ލާފައެވެ. އަދި މުޅި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ކަންކަންވެސް މިހާރު ބަލަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑިނީ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވިއިރު، މިއީ މި ވައިރަސް ޕޮޒިޓިވްވި ދެވަނަ ފުޓްބޯޅަ ކުޅުންތެރިޔާއެވެ. މީގެ ކުރިން ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއެލް ރުގާނީ ވެސް ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ.
އިޓާލިއަން ލީގުގެ ދެ ކުޅުންތެރިއަކަށް ކޮރޯނާވައިރަސް ޖެހުނުއިރު، އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް އެއްވެސް ކުޅިވަރު ހަރަކާތެއް ނުބޭއްވުމަށް އިޓަލީން ވަނީ ނިންމާފައެވެ. އިޓަލީގައި ހަލުވިކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުން އަންނާތީ އިޓަލީ ސަރުކާރުގެ މި ނިންމުމާއެކު، އޭޕްރީލް ތިނެއްގެ ކުރިން ކުޅެން ހަމަޖެހިފައި އޮތް އިޓާލިއަން ލީގުގެ އެއްވެސް މެޗެއް ކުރިއަކަށް ނުގެންދާނެ އެވެ. އެކަމަކު ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވާ އިޓަލީގެ ކްލަބުތަކާއި، ގައުމީ ޓީމުތައް ކުޅޭ މެޗުތައް ކުރިއަށްދާނެ އެވެ.
އިޓަލީގައި މިހާތަނަށް ކޮރޯނާވައިރަހުގެ 12،000 އަށް ވުރެގިނަ ކޭސް ފެނިފައިވާއިރު ވައިރަހުގެ ސަބަބުން 800 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.