މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ އަލާމަތްތައް ފެނުމާއެކު، އިނގިރޭސި ކްލަބު ލެސްޓާ ސިޓީގެ ތިން ކުޅުންތެރިއަކު ސެލްފް-އައިސޮލޭޝަނަށް ގޮސްފައިވާ ކަމަށް އެޓީމުގެ ކޯޗު ބްރެންޑަން ރޮޖާސް ބުނެފި އެވެ.
ލެސްޓާގެ ތިން ކުޅުންތެރިއަކު ސެލްފް-އައިސޮލޭޝަނަށް ގޮސްފައިވާ ކަމަށް ރިޖާސް ބުނި ނަމަވެސް، އެއީ ކޮން ތިން ކުޅުންތެރިންނެއް ކަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ. ރޮޖާސް ބުނީ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ އަލާމަތްތައް ފެނުމާއެކު އެ ތިން ކުޅުންތެރިން ސްކޮޑުގެ އެހެން ކުޅުންތެރިންނާ ދުރުކޮށްފައިވާ ކަމަށެވެ. އަދި މިހާތު އެ ތިން ކުޅުންތެރިން ސެލް-އައިސޮލޭޝަނަށް ގޮސް، ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅަމުންދާ ކަމަށެވެ.
ލެސްޓާގެ ތިން ކުޅުންތެރިން ސެލްފް-އައިސޮލޭޝަނަށް ދިޔައިރު، އިނގިރޭސި ޕްރިމިއާ ލީގުގައި އަންނަ ހޮނިހިރު ދުވަހު ރަށުން ބޭރުގައި އެޓީމުން ވަޓްފޯޑާ ބައްދަލުކުރާނެ އެވެ.
އިންގްލެންޑުގައި 400 އަށް ވުރެ ގިނަ މީހުންނަށް މިހާތަނަށް މި ބަލި ޖެހިފައިވާއިރު، މި ބައްޔާ ގުޅިގެން އެގައުމުން ވަނީ 8 މީހުން މަރުވެފައެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުން ކޮރޯނާވައިރަސް (ކޮވިޑް-19) މިހާރު ފެނިފައިވާއިރު، ގިނަ ގައުމުތަކުން އަންނަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް އެއްވެސް ކުޅިވަރު ހަރަކާތެއް ނުބޭއްވުމަށް އިޓަލީން ނިންމާފައިވާއިރު، ސްޕެނިޝް ލީގުގެ މެޗުތައްވެސް މިހާރު ވަނީ ފަސްކޮށްފައެވެ. އަދި ފްރެންޗު ލީގުގެ މެޗުތަކަށް ސަޕޯޓަރުން ނުވެއްދުމަށް ވަނީ ނިންމާފައެވެ.