ކ. މާލެ
|
12 މާރޗް 2020 | ބުރާސްފަތި 19:12
މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ
މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ
މާޒިޔާ ސްޕޯރޓްސް ކްލަބް
އޭއެފްސީ ކަޕް
ފުލް ސްކޮޑު އޮތް ނަމަ ޗެންނާއީ އަތުން މޮޅުވީސް: ސެކުލޮސްކީ
ޗެންނާއީ އާއި މާޒިޔާ މެޗު އެއްވަރުވީ 2-2 އިން

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި އިންޑިއާގެ ޗެންނާއީ ސިޓީ އެފްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ފުލް ސްކޮޑު އޮތް ނަމަ މި މެޗުން މޮޅުވެވުނީސް ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނެފި އެވެ.

ޗެންނާއީގެ ޖަވާހަރްލާލް ނެހުރޫ ސްޓޭޑިއަމްގައި ބުދަ ދުވަހު ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި 2-1 އިން މާޒިޔާ މޮޅުވެފައިވަނިކޮށް، ޗެންނާއީން ނަތީޖާ އެއްވަރުކޮށްފައިވަނީ ފަހުވަގުތުގައެވެ.

މި މެޗުގައި ކާޑު ހަމަވުމުގެ ސަބަބުން މާޒިޔާގެ އަފްޣާނިސްތާން ގައުމީ ޓީމުގެ ގޯލްކީޕަރު އޮވޭސް އަޒީޒީ އާއި ސާބިއާގެ ޑިފެންޑަރު ޕީޓަ ޕެލަނިޗް ނުކުޅެ އެވެ. އަދި އަނިޔާގެ ސަބަބުން ކެޕްޓަން އަސަދުﷲ އަބްދުﷲ އާއި ނާއިޒު ހަސަން (ދާދު) ހުރީ ކުޅުމާއި ދުރުގައެވެ.

މެޗަށްފަހު ސެކުލޮސްކީ ބުނީ މި މެޗު މާޒިޔާއިން ކުޅުނީ މުހިއްމު ހަތަރު ކުޅުންތެރިން ނުލައި ކަމަށާއި، ފުލް ސްކޮޑް އޮވެފައި ޝެޑިއުލް ތަންކޮޅެއް ލުއި ނަމަ މި މެޗުން މޮޅުވެވުނީސް ކަމަށެވެ. އެކަމަކު މެޗުގައި ޓީމުގެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ކަމަށާއި، މެޗުން މޮޅުވާން ދަނިކޮސް ފަހުވަގުތު އެއްވރުވީ ހެދުނު ގޯހެއްގެ ސަބަބުން ކަމަށްވެސް ވަނީ ބުނެފައެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން މާޒިޔާ އެއްވަރުވިއިރު، މި މުބާރާތުގައި މާޒިޔާއިން ދެން މެޗެއް ކުޅޭނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ. އެދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި މާޒިޔާ ނުކުންނާނީ ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއާ ދެކޮޅަށެވެ.

- ކޮމެންޓް