މިހާރު ސްޕެއިންގައި ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުނު ސްޕެނިޝް ލީގުގެ މެޗުތައް ފަސްކުރުމަށް ސްޕެއިންގެ ފުޓްބޯޅައިގެ މައި އިދާރާއިން ނިންމައިފިއެވެ.
ރޯޔަލް ސްޕެނިޝް ފުޓްބޯލް ފެޑަރޭޝަނާއި ލަލީގާ އޮފިޝަލުން އަދި އެސޯސިއޭޝަން އޮފް ސްޕެނިޝް ފުޓުބޯލާސް އިން ބޭއްވި ކުއްލި ބައްދަލުވުމުގައި މި ނިންމުން ނިންމިއިރު، ސްޕެނިޝް ލީގުގެ ބައެއް މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅުމަށް މީގެ ކުރިންވަނީ ނިންމައިފައެވެ.
ސްޕެނިޝް ލީގުގެ މެޗުތައް ފަސްކުރުމުގެ އިތުރުން ސްޕެއިންގެ ސްކޫލުތައް ބަންދު ކުރުމަށް ސްޕެނިޝް ސަރުކާރުން ވަނީ ނިންމައިފައެވެ. ސްޕެނިޝް ލީގު ފަސްކުރިއިރު، ރެއާލް މެޑްރިޑްގެ ބާސްކެޓްބޯޅަ ކުޅުންތެރިއަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމުން، ރެއާލްގެ ފުޓްބޯޅަ ޓީމުވެސް މިހާރު ވަނީ ކަރަންޓީނު ކޮށްފައެވެ.
ސްޕެއިނުން މިހާތަނަށް 2277 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު، 55 މީހުން ވަނީ މިބަލީގައި މިހާތަނަށް މަރުވެފައެވެ.
ސްޕެއިންގެ ކެޓަލޯނިއާ ސަރުކާރުން ވަނީ ޗެމްޕިއަންސް ލީގުގައި ނާޕޮލީ އާއި ބާސެލޯނާ، ބާސާގެ ދަނޑުގައި ކުޅެން ހަމަޖެހިފައިވާ މެޗަށް ސަޕޯޓަރުން ވަނުންވެސް މަނާ ކޮށްފައެވެ. ކެޓަލޯނިއާ ސަރުކާރުގެ އޮފިޝަލަކު ބުނީ މި ނިންމުން ނިންމީ މައި ސަރުކާރާ ވާހަކަ ދެއްކުމަށްފަހު ރައްޔިތުންގެ ސިއްހަތަށް ވިސްނާފަ ކަމަށެވެ.
ސްޕެއިންގެ އިތުރުން އިޓަލީއިން ވަނީ ކުޅިވަރު ހުރިހާ ހަރަކާތެއް ކޮރޯނާވައިރަސް (ކޮވިޑް-19) ގައި ސަބަބުން ފަސްކޮށްފައެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުން ކޮރޯނާ ވައިރަސް މިހާރު ފެނިފައިވާއިރު، ގިނަ ގައުމުތަކުން އަންނަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސް އާމެދު ސުވާލު އުފެދިފައިވާއިރު، މި އަހަރު ބާއްވަން ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތްވެސް ފަސްކުރުން ގާތެވެ.