އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަތުން ބަލިވީ ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުން ކަމަށް ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ.
ޑާކާގެ ބަންގަބަންދު ނެޝަނަލް ސްޓޭޑިއަމްގައި ބުދަ ދުވަހު ކުޅުނު މެޗުން ޓީސީ ބަލިވީ 5-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޓީސީއަށް ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. އެގޮތުން އެޓީމުގެ މިޑްފީލްޑަރު އިސްމާއިލް އީސަ (މެސީ) ވަނީ ޕެނަލްޓީއެއްވެސް ބޭކާރުކޮށްލާފައެވެ.
މެޗަށްފަހު ވާހަކަދައްކަމުން ޝާޒްލީ ބުނީ މެޗުގެ ފުރަތަމަ ހާފުގައި ޓީސީން ރަނގަޅަށް ކުޅުނު ކަމަށާއި އަދި ދެވަނަ ހާފުގައި ވެސް ޓީސީގެ ކުޅުން ގޯސް ނޫން ކަމަށެވެ. މެޗުގައި ޓީސީއަށް މޮޅުވާން ފުރުސަތުތަކެއް ލިބުނު ކަމަށާއި މެޗު އެނބުރުނީ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީގެ ބޭނުން ނުހިފުމުން ކަމަށް ޝާޒްލީ ބުންނެވެ.
މީގެ އިތުރުން ޝާޒްލީ ބުނީ ބަޝުންދަރާގެ ފޯވާޑް ހާނަން ބާކޯސް ހުއްޓުވަން އުނދަގޫވާނެކަން ކުރިން ވެސް އެނގޭ ކަމަށާއި ބަޝުންދަރާ ޓީމުގައި ހިމެނޭ ބިދޭސީ ކުޅުންތެރިންގެ ކުޅުން ތަފާތު ކަމަށެވެ. އަދި މި މެޗަށް ޓީސީން ނުކުތީ މޮޅުވާން ކަމަށާއި އެހެން ކަމުން ބަޝުންދަރާއިން ތިންވަނަ ލަނޑު ޖެހުމުން، ޓީމު ކުރިއަށް ޖައްސާލުމާއެކު ބައިކޮޅަށް އިތުރު ލަނޑުތަކެއް ވަން ކަމަށްވެސް ޝާޒްލީ ބުންޏެވެ.
ޝާޒްލީ އިތުރަށް ބުނީ ބަޝުންދަރާއާ ދެކޮޅަށް ރާއްޖޭގައި ކުޅޭ މެޗުގައި ޓީސީ ޓީމުގެ ކުޅުން ތަފާތުވާނެ ކަމަށާއި އެމެޗަށް ޓީސީން ނުކުންނާނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން ބަޝުންދަރާ އަތުން ޓީސީ ބަލިވިއިރު، މި މުބާރާތުގައި ޓީސީން ދެން މެޗެއް ކުޅޭނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ. އެދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި ޓީސީ ނުކުންނާނީ ޗެންނާއި ސިޓީއާ ދެކޮޅަށެވެ.