Advertisement
ކ. މާލެ
|
12 މާރޗް 2020 | ބުރާސްފަތި 11:04
ކޮވިޑް-19 ވައިރަސް ދައްކުވައިދޭ ކުރެހުމެއް
ކޮވިޑް-19 ވައިރަސް ދައްކުވައިދޭ ކުރެހުމެއް
އޭބީސީ ނިއުސް
ކޮވިޑް-19
ކޮވިޑް-19: އެނގެން ޖެހޭ ވާހަކަތައް
ކޮވިޑް-19 އަކީ، ކޮރޯނާ ވައިރަސް އާއިލާ އަށް ނިސްބަތްވާ ވައިރަސްއެއް
ކޮވިޑް-19 ޖެހުމުން 60 އަހަރުން މަތީގެ ފިރިހެނުންނަށް ނުރައްކާ ބޮޑުވޭ
ކޮވިޑް-19 އަކީ، މާސް އާއި، ސާސް ބަލި ޖައްސާ ވައިރަހަށް ވުރެ ހަލުއިކޮށް ފެތުރޭ ވައިރަސްއެއް

މިހާރު ދުނިޔެއަށް ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް (ކޮވިޑް-19) އަކީ ކޮރޯނާ ވައިރަސް އާއިލާ އަށް ނިސްބަތްވާ ވައިރަސް އެކެވެ. އާއްމު ގޮތެއްގައި ކޮރޯނާ ވައިރަސް އަކީ ޖަނަވާރުންގެ ހަށިގަނޑުން ފެންނަ ވައިރަސް އެކެވެ. ކުރިން ދުނިޔެއަށް ފެތުރުނު ނުރައްކާތެރި މާސް ވައިރަސް އާއި ސާސް ވައިރަސް ހިމެނެނީ ކޮރޯނާ ވައިރަސްގެ ތެރޭގައެވެ. އާއްމު އަރިދަފުސް ރޯގާ އަކީ ވެސް ކޮރޯނާ ވައިރަސް އަށް ނިސްބަތްވާ ވައިރަހަކުން ޖެހޭ ބައްޔެކެވެ.

މާހިރުން ބުނާ ގޮތުގައި ކޮވިޑް-19 އަކީ، މާސް ބައްޔާއި ސާސް ބަލި ޖައްސާ ވައިރަހަށް ވުރެ ހަލުއިކޮށް ފެތުރޭ ވައިރަހެކެވެ. އެކަމަކު، ސާސް ބައްޔަށްވުރެ ކޮވިޑް-19 ޖެހިގެން މަރުވުމުގެ ފުރުސަތު ކުޑައެވެ. އަނެއް ކޮޅުން ސާސް ބައްޔަށްވުރެ އެކަކު ގައިން އަނެކަކު ގަޔަށް ކޮވިޑް-19 އެރުމުގެ ފުރުސަތު ބޮޑެވެ.

Advertisement

ކޮވިޑް-19 ޖެހުމުން ފެންނަ އާއްމު އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ، ހުން އައުމާއި، ކެއްސުމާއި، ނޭވާ ކުރުވުމާއި، ކަރުގައި ރިއްސުމާއި، ގައިގައި ރިއްސުމެވެ. ބައެއް ފަހަރު ބޭރަށް ހިންގުންވެސް ކުރިމަތިވެއެވެ.

ކޮވިޑް-19 ޖެހުމުން 60 އަހަރުން މަތީގެ ފިރިހެނުންނަށް ނުރައްކާ ބޮޑުވެއެވެ. އެއީ އާއްމު ގޮތެއްގައި ފުއްޕާމޭގެ ބަލިތަކާއި، ހަކުރު ބައްޔާއި، ލޭ މައްޗަށް ދިއުން ފަދަ ބަލިތައް ގިނައީ ފިރިހެނުންގެ ތެރޭގައި ކަމަށް ވެފައި އާއްމު ގޮތެއްގައި އަންހެނުންނަށް ވުރެ ފިރިހެނުންގެ ދިފާއީ ބާރު ދަށްވުމުން ކަމުގައިވެއެވެ.

ފޮޓޯ: ގެޓީ އިމޭޖްސް

އާއްމު ގޮތެއްގައި، ކޮވިޑް-19 ފެތުރެނީ ކެއްސާ އިރު ނުވަތަ ކިނބިހި އަޅާ އިރު ވައިރަސް ހުރި މީހެއްގެ ހަށިގަނޑުން ބޭރުވާ ޑްރޮޕްލެޓެއް ނުވަތަ ދިޔަތިއްކެއްގެ ޒަރީއާއިންނެވެ. މިފަދަ ދިޔަ ތިއްކެއް އެހެން މީހެއްގެ އަނގަޔަށް ނުވަތަ ނޭފަތަށް ނުވަތަ ލޮލަށް ސީދާ ގޮތެއްގައި ވާސިލު ވެއްޖެނަމަ، އެ މީހެއްގެ ހަށިގަނޑަށް ވައިރަސް އަރައެވެ. މި ގޮތުން ބޭރުވާ ދިޔަ ތިކީގައި ހުންނަ ވައިރަސް، އެ ދިޔަތިކި ގޮސް ހަރުލާ ތަނެއްގައި، މަރު ނުވެ ދެތިން ދުވަހު ހުރެދާނެއެވެ. މި ގޮތަށް ހަރުލާފައި ހުއްޓާ ބަލި ނުޖެހޭ މީހެއްގެ އަތުގައި އެ އެއްޗެއް އުނގުޅި، އުނގުޅުނު އަތް ލޮލޮގައި ނުވަތަ ނޭފަތުގައި ނުވަތަ އަނގައިގައި ހާކާލެވިއްޖެ ނަމަ ވައިރަސް ހަށިގަނޑަށް ވާސިލުވެއެވެ.

ވަޔަކީ ވައިރަސް އުފުލާ ވަސީލަތެއް ކަން އަދި ސާފުކޮށް އެނގެން ނެތް ނަމަވެސް، ބައެއް ހޯދުންތަކުން އެނގޭ ގޮތުގައި ވައިގެ ތެރޭގައި މި ވައިރަސް މަރު ނުވެ ދެތިން ހަތަރު ގަޑިއިރު ހުރެއެވެ.

ބަލި ޖެހިފައިވާ މީހެއްގެ ފުށުން ވައިރަސް އެރުމުގެ ފުރުސަތު އެންމެ ބޮޑީ އެމީހެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަ ދުވަސްވަރުއެވެ. މިކަން މިހެން އޮތަސް ބަލީގެ ނިޝާން ފެންނަން ނެތިވެސް ވައިރަސް ހުރި މީހެއްގެ ޒަރީއާ އިން ވައިރަސް ފެތުރުމުގެ ފުރުސަތު އޮވެދާނެއެވެ.

ބަލި ފެތުރޭ ގޮތަށް ބަލާއިރު، ރޯގާގެ އަސަރު ހުންނަ މީހުން މާސްކް އެޅުމާއި، ނިވާ ކޮށްގެން ކެއްސާ ކިނބިހި އެޅުމަކީ އެހެން މީހުން މި ބަލިން ރައްކާތެރި ކުރުމަށް ވަރަށް މުހިންމު ކަމެކެވެ. ރޯގާގެ އަސަރު ހުރި ނަމަ ބަލިން އަވަހަށް ގަދަ ވުމަށާއި، އެހެން މީހުންގެ ސަލާމަތައްޓަކައި މީހުންނާ ދުރުހެލިވެ ގޭގައި ވަކިން ވަގުތު ހޭދަ ކުރުން މާ ރަނގަޅެވެ. ގިނައިން މީހުން އެއްވާ ތަންތަނަށް ނުދާށެވެ.

ބަލިން ރައްކާތެރި ވުމަށް އަވަސް އަވަހަށް ސައިބޯނި ލައިގެން އަތް ދޮވުމާއި، މޫނުގައި އަތް ނުލުމަކީ ވަރަށް މުހިން ކަމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް