ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ބޮރޫޝިއާ ޑޯޓްމުންޑް ބަލިކޮށް، ކުއާޓާ ފައިނަލުން ޕީއެސްޖީ ޖާގަ ހޯދައިފި އެވެ.
ދެވަނަ ލެގުގައި ބުދަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 2-0 އިންނެވެ. ބޮރޫޝިއާ ޑޯޓްމުންޑުގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން 2-1 އިން ޕީއެސްޖީ ބަލިވިއިރު، އެގްރިގޭޓުން ޕީއެސްޖީއަށް ކުރިލިބުނީ 3-2 އިންނެވެ.
ޕީއެސްޖީގެ ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު މި މެޗަށް ސަޕޯޓަރުން ވައްދާފައެއް ނުވެއެވެ. މި މެޗަށް ސަޕޯޓަރުން ވައްދާފައިނުވަނީ ފްރާންސްގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުންނެވެ.
މި މެޗުގައި ޕީއެސްޖީން ޖެހި ދެ ލަނޑުވެސް އެޓީމުން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ 28 ވަނަ މިނެޓުގައި އެންހެލް ޑި މާރިއާ ނަގައިދިން ކޯނަރަކުން ޕީއެސްޖީއަށް ލީޑު ނަގައިދިނީ ނޭމާ އެވެ.
އަދި މި މެޗުގައި ޕީއެސްޖީން ލީޑު ފުޅާކޮށްފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. ޕަބްލޯ ސަރާބިއާގެ އެހީއާއެކު މި ލަނޑު ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ ހުއާން ބާނަޓް އެވެ.
މި މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ރެފްރީ ވަނީ ޑޯޓްމުންޑުގެ މިޑްފީލްޑަރު އެމްރޭ ޗޭންއަށް ސީދާ ރަތް ކާޑެއް ދައްކާފައެވެ. އޭނާއަށް ސީދާ ރަތް ކާޑެއް ދެއްކީ، ބޯޅަ ނެތީސް ޕީއެސްޖީގެ ނޭމާ ކޮށްޕާލުމާއި ގުޅިގެންނެވެ.
ޑޯޓްމުންޑް ބަލިކޮށް ކުއާޓާ ފައިނަލުން ޕީއެސްޖީ ޖާގައެއް ހޯދިއިރު، މިއީ 2015-2016 ވަނަ އަހަރުގެ ސީޒަނަށްފަހު މި މުބާރާތުގެ ކުއާޓާއިން ޕީއެސްޖީ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.