Advertisement
ކ. މާލެ
|
12 މާރޗް 2020 | ބުރާސްފަތި 03:13
ޕެރެޑައިސް އައިލެންޑް ރިސޯޓު
ޕެރެޑައިސް އައިލެންޑް ރިސޯޓު
ޓްރިޕްއެޑްވައިޒަރ
ވިލާ ކުންފުނި
ގާސިމްގެ ވިލާ ކުންފުނިން ހިންގަމުންދާ ރިސޯޓުތަކުގައި މަސައްކަތްކުރާ މުއައްޒަފުންގެ މުސާރަ ކުޑަކޮށްފި
ޓޫރިސްޓުން އަންނަލެއް މަދު
ކުންފުންޏަށް އާމްދަނީ ލިބެނީ ކުންފުނިން ހިންގާ ރިޒޯޓްތަކުން
ލިބޭ އާމްދަނީ ވަރަށް ދަށްވެފައި

ކޮވިޑް-19އާ ގުޅިގެން ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑުން ހިންގަމުންދާ ހުރިހާ ރިސޯޓެއްގެ މުއައްޒަފުންގެ މުސާރަ ކުޑަ ކުރަން ނިންމައިފިއެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ނެރިފައިވާ ސަކިއުލަރގައި ބުނީ ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް މަދުވެފައިވާ ކަމަށެވެ.

ރާއްޖެއިންވެސް މިބަލި ފެނުމާއި ގުޅިގެން އެކަމުގެ ނޭދެވޭ އަސަރު އިތުރަށް ފަތުރުވެރިކަމުގެ ސިނާއަތަށް ފޯރަމުންދާ ކަމަށާއި، ކުންފުންޏަށް އާމްދަނީ ލިބެނީ ކުންފުނިން ހިންގާ ރިސޯޓްތަކުން ކަމަށްވެފައި، ރިސޯޓުތަކަށް އަންނަ ގެސްޓުންގެ މަދުވެ އާމްދަނީ ދަށްވަމުންދާ ކަމަށް ވިލާ ކުންފުނިން ބުނެއެވެ.

ވިލާ ކުންފުނިން ބުނީ، ކުންފުނީގެ ދެމެހެއްޓުމަށްޓަކައި ޚަރަދު ކުޑަ ކުރުމުގެ ގޮތުން އަޅާ ފިޔަވަޅު ތަކުގެ ތެރެއިން، ކުންފުނީގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ކުރިޔަށް އޮތް އެޕްރީލް 2020 އިން ފެށިގެން ކުޑަކުރުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

Advertisement

ވިލާއިން ނެރިފައިވާ ސަރކިއުލަރގައި ބުނެފައިވާ ގޮތުން 4،999 ރުފިޔާގެ ދަށުގެ ބައިން 10 އިންސައްތަ، މުސާރައިގެ 5000 ރުފިޔާއިން 9999 ރުފިޔާގެ ބައިން 20 އިންސައްތަ، މުސާރައިގެ 10،000 ރުފިޔާއިން 49،999 ރުފިޔާގެ ބައިން 35 އިންސައްތަ އަދި މުސާރައިގެ 50،000 ރުފިޔާއިން މަތީގެ ބައިން 50 އިންސައްތަ މަދުކުރަން ނިންމާފައިވާ ކަމަށެވެ.

މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމް ސޮއިކުރައްވާ ނެރިފައިވާ މިސަރކިއުލަރގައި ބުނީ މުސާރަ ކުޑަކުރުމަށް ނިންމި ނިންމުމަކީ އެއްވެސް މުވައްޒަފަކު ވަޒީފާއިން ދޫކޮށްލައިފިނަމަ އެފަރާތަކަށް ލިބޭ ގެއްލުން މާބޮޑުވާނެތީއާ، މިވަގުތަށް މުސާރައަށް ކުރާ ޚަރަދު މިހާވަރަށް ކުޑަ ނުކޮށް ކުންފުނި ހިންގޭނެ އެއްވެސް ގޮތެއް ނެތިގެން ކަމަށެވެ. އަދި ހާލަތު ރަގަޅުވަމުންދާ ވަރަކުން މުސާރަ އަށް ބަދަލު ގެންނަމުންދާނެ ކަމަށް ވެސް މިސަރކިއުލަރގައި ބުނެފައިވެއެވެ.

ލިބޭ މުސާރަ މަދުވުމަކީ ކޮންމެ މީހަކަށްވެސް ދަތިވާނެ ކަމެއްކަން ފާހަގަކޮށް އެކަމަށް ހުރިހާ މުވައްޒަފުންގެ ކިބައިން މައާފަށް އެދޭ ކަމަށާއި، މިފަދަ ކޮންމެ ފިޔަވަޅެއްވެސް އެކުންފުނިން އަޅަނީ އެންމެ ފަހު ކަމެއްގެ ގޮތުގައި އެހެން އެއްވެސް ގޮތެއް ނެތިގެން ކަމަށް ވިލާ ކުންފުނީގެ މި ސަރކިއުލަރގައި ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ރާއްޖޭގައި ގިނަ ރިސޯޓުތައް ހިންގަމުންދާއިރު، މުއައްޒަފުން އެކަށީގެންވާ މުސާރައާއި ސަރވިސް ޗާގު ނުދޭ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އެކަމުގެ ނޭދެވޭ އަސަރު ކުރާއިރު، ވިލާ ކުންފުންޏަކީ މިހާތަނަށް މުއައްޒަފުންގެ މުސާރަ ކުޑަކުރި ފުރަތަމަ ކުންފުނިކަން ފާހަގަކޮށްލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް