ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ފީފާގެ އަހަރީ ބައްދަލުވުން ފަސްކޮށްފި އެވެ.
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާއިން ބުދަ ދުވަހުގެރޭ އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ބަލިމަޑުކަމާއި ގުޅިގެން، އެ ޖަމްއިއްޔާގެ އަހަރީ އާންމު ބައްދަލުވުން ފަސްކުރަން ނިންމާފައިވާ ކަމަށެވެ.
ކުރިން މި ބައްދަލުވުން ބާއްވަން ތާވަލުކޮށްފައި އޮތީ ޖޫން މަހުގެ ފަސްވަނަ ދުވަހު އެވެ. އެކަމަކު މިހާރު 70 ވަނަ ފީފާގެ އަހަރީ ބައްދަލުވުން ބާއްވަން ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. ކޮންގްރެސް އޮންނާނީ އިތިއޯޕިއާގެ އަޑިސް އަބާބާގައެވެ.
މީގެ އިތުރުން ފީފާއިން ވަނީ މިމަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ފީފާގެ ކައުންސިލް ބައްދަލުވުންވެސް ފަސްކުރަން ނިންމާފައެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުން ކޮރޯނާ ވައިރަސް މިހާރު ފެނިފައިވާއިރު، ގިނަ ގައުމުތަކުން އަންނަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން އިޓަލީން ހުރިހާ ކުޅިވަރު ހަރަކާތްތަކެއް ހުއްޓާލާފައިވާއިރު، ސްޕެނިޝް ލީގާއި ފްރެންޗު ލީގުގެ މެޗުތައް ސަޕޯޓަރުން ނުވައްދައި ކުޅުމަށް ވަނީ ނިންމާފައެވެ. އަދި ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސް އާމެދު ސުވާލު އުފެދިފައިވާއިރު، މި އަހަރު ބާއްވަން ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތްވެސް ފަސްކުރާނެ ކަމަށް ބެލެވެއެވެ.