އޭއެފްސީ ކަޕްގެ ގްރޫޕް އީ ގައި އިންޑިއަން އައި ލީގުގެ ޗެމްޕިއަން ޗެންނާއީ ސިޓީ އެފްސީ އާއި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރި މެޗު އެއްވަރުވެއްޖެ އެވެ.
ޗެންނާއީގެ ޖަވާހަރްލާލް ނެހުރޫ ސްޓޭޑިއަމްގައި ބުދަ ދުވަހު ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ޗެންނާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 11 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޑޮލްފޯ މިރާންޑާއެވެ.
އޭގެ ފަހުން ދެވަނަ ހާފުގައި މާޒިޔާއިން ކުޅުން ރަނގަޅުކުރިއިރު، މި ހާފު ފަށައިގެން ދެވަނަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) އަށް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މެޗުގެ ނަތީޖާ މާޒިޔާ ކޮޅަށް އެޓީމުން އަނބުރާލީ ތިން މިނެޓުގެ ތެރޭގައެވެ. 64 ވަނަ މިނެޓުގައި ހަމްޕުގެ އެހީއާއެކު މާޒިޔާއަށް ނަތީޖާ އެއްވަރުކޮށްދިނީ ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) އެވެ. އަދި އޭގެ ތިން މިނެޓުފަހުން ނިހާން ދިން ޕާހަކުން މާޒިޔާއަށް ލީޑު ނަގައިދިނީ އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ.
މާޒިޔާ މި މެޗުން މޮޅުވާން ދަނިކޮށް، ޗެންނާއީން ނަތީޖާ އެއްވަރުކުރީ މެޗުގެ ފަހުކޮޅު އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖެހި އަޑޮލްފޯ މިރާންޑާއެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް އީ ގައި ޗެންނާއީ އާއި މާޒިޔާ ބައްދަލުކުރި މެޗު އެއްވަރުވިއިރު، މި ގްރޫޕްގައި ބުދަ ދުވަހު ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބު ވަނީ ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަތުން ފަސޭހަކަމާއެކު 5-1 އިން ބަލިވެފައެވެ.
އޭއެފްސީ ކަޕްގެ މެޗުތައް ދެން އޮންނާނީ އަންނަ މަހު 14 އާއި 15 ވަނަ ދުވަހު އެވެ. ދެ މެޗު ވެސް އޮންނާނީ ގަލޮޅު ދަނޑުގަ އެވެ. ފުރަތަމަ މެޗުގައި 14 ވަނަ ދުވަހު މާޒިޔާ ކުޅޭނީ ބަޝުންދުރާއާ އެވެ. އަދި 15 ވަނަ ދުވަހު ޓީސީ ބައްދަލުކުރާނީ ޗެންނާއީއާ އެވެ. މިއީ އޭއެފްސީ ކަޕްގެ އެއް ގްރޫޕެއްގައި ރާއްޖޭގެ ދެ ޓީމެއް ވާދަކުރާ ފުރަތަމަ ފަހަރެވެ.