ކޮރޯނާވައިރަސް (ކޮވިޑް-19) ފެތުރެމުންދާ ގައުމެއް ކަމަށްވާ ބަންގްލަދޭޝްގައި މިވަގުތު ތިބި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބު އެނބުރި ރާއްޖެ އަންނާނީ ސްރީލަންކާގައި 14 ދުވަހު ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށްފަހު ކަމަށް ސަރުކާރުން ބުނެފި އެވެ.
ޓީސީން ބަންގްލަދޭޝަށް ދިޔައީ އޭއެފްސީ ކަޕުގައި ބުދަ ދުވަހު އެ ގައުމުގެ ބަޝުންދުރާ ކިންގްސްއާ ދެކޮޅަށް ކުޅުމަށެވެ.
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ މިކަމުގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު، ޓީސީއާ ވާހަކަދައްކަވާފައިވާ ކަމަށާއި މިހާރު ހަމަޖެހިފައި އޮތީ ލަންކާގައި ކަރަންޓީނުގެ 14 ދުވަހުގެ މުއްދަތު ހަމަކޮށްފައި ރާއްޖެ އަންނަ ކަހަލަ ގޮތަކަށް ކަމަށެވެ.
ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ކުޅިވަރާ ބެހޭ ވުޒާރާގެ އޮފިޝަލަކު ވިދާޅުވީ ލަންކާގައި ޓީސީން 14 ދުވަހު މަޑުކުރާނީ ގަވާއިދުގެ ދަށުން ޓެސްޓުތައް ހެދުމަށް ކަމަށެވެ. އަދި އެ 14 ދުވަހު ލަންކާގައި ޓީސީން ފަރިތަކުރުންތައް ކުރިއަށްގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ބަންގްލަދޭޝް އިން ރާއްޖެއަށް މީހުން އައުން މިވަގުތު ވަނީ މަނާކޮށްފައެވެ.
ލަންކާގައި 14 ދުވަހު ޓީސީ މަޑުކުރާއިރު، އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި އަންނަ ހަފުތާގައި ޓީސީ މެޗެއް ކުޅެން އެބައޮތެވެ. އެހެންކަމުން އެ މެޗު ފަސްކުރަން ޖެހޭނެ އެވެ.
ބަންގްލަދޭޝްއިން މިހާތަނަށް 3 މީހަކަށް ކޮރޯނާވައިރަސް (ކޮވިޑް-19) ވަނީ ޖެހިފައެވެ. އެކަމާއި ގުޅިގެން ފާއިތުވި 14 ދުވަހުގެ ތެރޭގައި ބަންގްލަދޭޝް އަށް ދަތުރުކޮށްފައިވާ މީހަކު ރާއްޖެ އަށް އެތެރެވުމާއި ޓްރާންސިޓްވުން ވެސް އަންގާރަ ދުވަހުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް ވަނީ މަނާކޮށްފައެވެ.