ކ. މާލެ
|
11 މާރޗް 2020 | ބުދަ 19:15
ރާއްޖޭގައި ހިންގާ ރިސޯޓެއް
ރާއްޖޭގައި ހިންގާ ރިސޯޓެއް
ކާޕޭޑީއެމްބީޗްރިސޯޓް.ކޮމް
ކޮވިޑް-19
ދުވާލެއްގެ މައްޗަށް 1300 އަށް ވުރެ ގިނަ ބުކިންގް ކެންސަލޭޝަން!
މިދިޔަ މަހުގެ ތެރޭގައި 41،289 ކެންސަލޭޝަންސް
ފަތުރުވެރިކަމުގެ ސިނާއަތް 29.5 އިންސައްތަ ދަށަށް ދާނެ ކަމަށް މަޓާޓޯއިން އަންދާޒާކުރޭ
ލައްކައަަކަށް ވުރެ ގިނަ ބުކިންގްސް ކެންސަލް ވެފައިވާ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހަލުވި މިނެއްގައި ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން ދުވާލެއްގެ މައްޗަށް 1،376 ގެ ރޭޓުން ބުކިންގެ ކެންސަލޭޝަންސް އަންނަކަމަށް މޯލްޑިވްސް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ) އިން ހާމަކޮށްފިއެވެ.

މަޓާޓޯގެ ބަޔާނުގައި ވަނީ ފާއިތުވި މަސް ދުވަހުގެ ތެރޭގައި އެކަނިވެސް 41،289 ކެންސަލޭޝަންސް އައިސްފައިވާ ކަމަށެވެ. އަދި ބުކިންގްސް ކެންސަލްވާ ރޭޓު ދުވަހުން ދުވަހުން މައްޗަށް ދާއިރު، ފަތުރުވެރިކަން 29.5 އިންސައްތަ ދަށަށް ދާނެ ކަމަށް މަޓާޓޯއިން ވަނީ އަންދާޒާ ކޮށްފައެވެ.

ކުރެއްދޫ އައިލެންޑް ރިސޯޓް: ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްތަކެއް ފެނިގެން ލޮކްޑައުންގައި

މަޓާޓޯއިން ވަނީ ކޮވިޑް-19 އާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތަށް ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ރިސޯޓް ޕްރޮޕަޓީތަކުން އެއްބާރުލުން ދިނުމަށް ގޮވާލާފައެވެ. އަދި ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތައް އެކުގައި މަސައްކަތްކޮށްގެން އިގްތިސާދަށް އަންނަ ލޮޅުން ކުޑަކުރުމަށް މަސައްކަތް ކުރުމަށްވެސް ގޮވާލާފައިވެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް އަންނާނެ ލޮޅުމެއްގެ ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވެސް ވަނީ އަންނާނެ ލޮޅުމަކަށް ތައްޔާރުވެ ތިބުމަށް ގޮވާލާފައެވެ. އަލީ ވަހީދު ވިދާޅުވި ގޮތުގައި މިހާތަނަށް ލައްކައަކަށް ވުރެ ގިނަ ބުކިންގްސް ވަނީ ކެންސަލް ކޮށްފައެވެ.

މާގިރި ހޮޓެލް: ދެ ހަފުތާގެ މުއްދަތަށް މި ހޮޓެލް ވަނީ ބަންދު ކުރެވިފައި

އަލީ ވަހީދު އިތުރަށް ވިދާޅުވީ، މިހާރުވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ސްޓޭކްހޯލްޑަރުންނާއެކު މިކަމާއި ގުޅޭ މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. އަދި ރާއްޖޭއަށް ފަތުރުވެރިން ގިނައިން އަންނަ ބައެއް މާކެޓްތަކުން މީހުން އައުން މަނާކޮށްފައިވާއިރު، އިތުރު މާކެޓްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ. އޭގެ ތެރޭގައި ދެކުނު އެފްރިކާ ފަދަ ގައުމުތައް ހިމެނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ޗައިނާ, އިޓަލީވިލާތް، އީރާން، ބަންގްލަދޭޝް އަދި ދެކުނު ކޮރެއާގެ ދެ ސަރަހައްދަކުން ރާއްޖެއަށް މީހުން އައުން ވަނީ މަނާކޮށްފައެވެ. އޭގެ ތެރެއިން ޗައިނާ އަދި އިޓަލީވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބޮޑު ހިއްސާއެއް އޮންނަ ދެ މާކެޓެކެވެ.

- ކޮމެންޓް