އޭއެފްސީ ކަޕްގައި ހާނަން ބާކޯސް ޖެހި ހަތަރު ލަނޑާއެކު ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއިން ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.
ބަންގްލަދޭޝްގެ ބަންގަބަންދު ނެޝަނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބަޝުންދަރާއިން ކާމިޔާބުކުރީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 18 ވަނަ މިނެޓުގައި ބަޝަންދަރާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ހާނަން ބާކޯސް އެވެ.
އެކަމަކު އޭގެ ތިން މިނެޓު ފަހުން ޓީސީގެ އިސްމާއިލް އީސަ (މެސީ) ވަނީ ލިބުނު ޕެނަލްޓީއަކުން ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އޭނާ ޖެހި ޕެނަލްޓީ ކީޕަރު މަތަކުރި ނަމަވެސް، ރީބައުންސް އަށް ނުކުތް ބޯޅަ މެސީ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
އޭގެ ފަސް މިނެޓު ފަހުން ބަޝަންދަރާއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ބާކޯސް އެވެ. މި ލަނޑާއެކު ޓީސީން އެޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، އިތުބާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) އަށާއި އިޝާން އިބްރާހީމް (ސައްޓު) އަށް ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑު ޖަހަން ރަނުގެ ދެ ފުރުސަތެއް ލިބި ބޭކާރު ވެފައެވެ.
ދެވަނަ ހާފުގެ ކުރީ ކޮޅުގައި ޓީސީއަށް ވަނީ ޕެނަލްޓީއެއް ލިބި ބޭކާރުވެފައެވެ. ޓީސީގެ މެސީ ފޮނުވައިލި ޕެނަލްޓީ ބަޝުންދަރާގެ ކީޕަރު ވަނީ ހުށިޔާރުކަމާއިއެކު ދިފާއުކޮށްފައެވެ. އޭގެ ފަހުން ބަޝުންދުރާއިން ލީޑު ފުޅާކުރީ 68 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކު ބާކޯސް އެވެ. މެޗުގެ 76 ވަނަ މިނެޓުގައި ބަޝުންދަރާގެ ކެޕްޓަން ޑެނިއަލް ކޮލިންޑްރޭސް ވަނީ އިތުރު ލަނޑެއް އެޓީމަށް ކާމިޔާބުކޮށްދީފައެވެ. ބަޝުންދަރާގެ ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވެސް ބާކޯސް އެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް އީ ގައި ކުޅުނު ފުރަތަމަ މެޗުން ޓީސީ ބަލިވިއިރު، މި ގްރޫޕްގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންވެސް ވާދަކުރެއެވެ. ދެން މި ގްރޫޕްގައި ހިމެނެނީ އިންޑިއަން އައި ލީގުގެ ޗެމްޕިއަން ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ.
އޭއެފްސީ ކަޕުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އިންޑިއާގެ އައި ލީގު ޗެމްޕިއަން ޗެންނާއީ ސިޓީ އެފްސީ ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެ ހަވީރު ރާއްޖެ ގަނޑިން 19:00 ގައެވެ.