ކ. މާލެ
|
10 މާރޗް 2020 | އަންގާރަ 23:33
ސްޕެނިޝް ލީގުގައި ބާސާ އަދި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން
ސްޕެނިޝް ލީގުގައި ބާސާ އަދި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ކޮރޯނާވައިރަސް (ކޮވިޑް-19)
ސްޕެނިޝް ލީގާއި ފްރެންޗް ލީގު މެޗުތަކަށް ސަޕޯޓަރުން ނުވައްދަން ނިންމައިފި
މިގޮތަށް ނިންމީ ކޮރޯނާވައިރަސް (ކޮވިޑް-19) ޔޫރަޕުގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުން ދިޔުމާއި ގުޅިގެން ކުރީބައިގައި ފިޔަވަޅު އެޅުމުގެ ގޮތުން

ސްޕެނިޝް ލީގުގެ މެޗުތަކާއި ފްރެންޗް ލީގުގެ މެޗުތަކަށް ސަޕޯޓަރުން ނުވައްދާ ކުޅެން ނިންމައިފިއެވެ.

ސްޕެއިންގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ މި ނިންމުން ނިންމީ ކޮރޯނާވައިރަސް (ކޮވިޑް-19) ޔޫރަޕުގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުން ދިޔުމާއި ގުޅިގެން ދުރާކާ ފިޔަވަޅު އެޅުމުގެ ގޮތުން ކަމަށެވެ. އަދި ފްރާންސްގެ ސަރުކާރުން ބުނީ އެގައުމުގެ ފުޓްބޯޅަ ލީގުގައި ކުޅެވޭ މެޗުތަކަށް ސަޕޯޓަރުން ވެއްދުން އަންގާރަ ދުވަހުން ފެށިގެން މަނާ ކުރެވިފައިވާ ކަމަށާއި، މި ގޮތަށް ނިންމީ އެގައުމުގައި ކޮރޯނާވައިރަސް (ކޮވިޑް-19) ހަލުވިކަމާއިއެކު ފެތުރެމުންދިއުމާއި ގުޅިގެން ކަމަށެވެ. މީގެ އިތުރުން ފްރާންސުންވަނީ 1000 މީހުންނަށް ވުރެ ގިނަ މީހުން އެއްވެގެން ބާއްވާ ހުރިހާ ހަރަކާތެއް ބޭއްވުންވެސް މަނާ ކޮށްފައެވެ.

ސްޕެއިން އަދި ފްރާންސުން ދަނޑަށް ސަޕޯޓަރުން ވަނުން މަނާކުރިއިރު، އިޓަލީން ވަނީ އެގައުމުގައި އެއްވެސް ކުޅިވަރު ހަރަކާތެއް ކުރިޔަށް ނުގެންދިޔުމަށް ނިންމާފައެވެ. އަދި އެގައުމުގެ ގައުމީ ޓީމުތައް ވާދަކުރަން ހުރި މުބާރާތް ތަކުގައި ބައިވެރި ނުވުމަށްވެސް އެގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

ސްޕެއިންގެ ކެޓަލޯނިއާ ސަރުކާރުން ވަނީ ޗެމްޕިއަންސް ލީގުގައި ނާޕޮލީ އާއި ބާސެލޯނާ، ބާސާގެ ދަނޑުގައި ކުޅެން ހަމަޖެހިފައިވާ މެޗަށް ސަޕޯޓަރުން ވަނުންވެސް މަނާ ކޮށްފައެވެ. ކެޓަލޯނިއާ ސަރުކާރުގެ އޮފިޝަލަކު ބުނީ މި ނިންމުން ނިންމީ މައި ސަރުކާރާ ވާހަކަ ދެއްކުމަށްފަހު ރައްޔިތުންގެ ސިއްހަތަށް ވިސްނާފަ ކަމަށެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުން ކޮރޯނާ ވައިރަސް މިހާރު ފެނިފައިވާއިރު، ގިނަ ގައުމުތަކުން އަންނަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސް އާމެދު ސުވާލު އުފެދިފައިވާއިރު، މި އަހަރު ބާއްވަން ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތާއި މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް