ކޮވިޑް-19 ފެތުރެމުންދާތީ ރައްކާތެރިކަމުގެ ގޮތުން މާލޭގެ މިސްކިއްތަކަށް ދާ މީހުން ބޭނުން ކުރުމަށް ދިޔާ ސައިބޯނި ބަހަށްޓަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާސް އާއި މާލެ ސިޓީ ކައުންސިލް އިން ގުޅިގެން ނިންމައިފިއެވެ.
މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދުﷲ ޖަމީލް ކުރައްވާފައިވާ ޓްވީޓް އެއްގައި ވިދާޅުވެފައި ވަނީ މިސްކިތްތަކަށް ދާ ފަރާތްތަކަށް ރައްކާތެރިކަމުގެ ގޮތުން ދިޔާ ސައިބޯނި ބެހެއްޓުމުގެ ކަންކަން މާލެ ސިޓީ ކައުންސިލާއި ގުޅިގެން ކުރިޔަށް ގެންދާކަމަށެވެ.
މީގެކުރިން އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ވަނީ ކެއްސާއި ކިނބިހި އަޅާ ހުން އަންނަމަ ދުވަސްވީ މީހުންނާއި ކުޑަކުދިން މިސްކިތްތަކަށް ނުދިޔުމަށް އިރުޝާދު ދީފަ އެވެ. ކޮވިޑް-19 ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން އަންނަނީ އިލްތިމާސް ކުރަމުންނެވެ. އެގޮތުން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އަދި މިވައިރަސް އިން ރައްކާތެރިވުމަށް ގިނަގިނައިން އަތް ދޮވުމަށް ކަމާބެހޭ މާހިރުން އަންނަނީ އިރުޝާދު ދެމުންނެވެ. މިހާތަނަށް އާއިރު ރާއްޖެއިން 6 މީހަކު ވަނީ މިވައިރަސް އަށް ޕޮޒިޓިވް ވެފައެވެ.