Advertisement
ކ. މާލެ
|
10 މާރޗް 2020 | އަންގާރަ 10:41
އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކައުންސިލް އިންތިހާބުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލްގެ މަސައްކަތް ނިންމާ މިއަދު ފާސްކުރަނީ
މިބިލް ހުށަހަޅުއްވާފައިވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމް

އިންތިޚާބުކުރަންޖެހޭ ޢަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓަކީ ބާޠިލު ވޯޓެއްގެ ގޮތުގައި ކަނޑައެޅުމަށް ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ޤާނޫނަށް ހުށަހަޅާފައިވާ ބިލްގެ މަސައްކަތް މިއަދު ނިންމާ އެ ބިލް ފާސްކުރުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

މިބިލް މަޖިލީހަށް ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރ ރޮޒައިނާ އާދަމް އެވެ. މިބިލްގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. ބިލްގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު މަޖިލީހުގެ ރައީސް އެދުވަހުގެ ޖަލްސާގައި ވިދާޅުވެފައިވަނީ ފުރަތަމަ ކިޔުން އިއްވުމަށްފަހު އިބްތިދާޢީ ބަހުސް ފެށުމަށް މަޖިލީހުގެ ޤަވާއިދުގައި ބުނާ 7 ދުވަހުގެ ބަދަލުގައި ޤަވާއިދު އިސްތިޘްނާވާގޮތައް 3 ދުވަހަށް ބަދަލުކުރުމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރ އެއްބަސްވާނަމަ އެކަން އެގޮތަށް ކުރެވިދާނެ ކަމަށެވެ. އެގޮތުގެ މަތިން މިއަދުގެ ޖަލްސާގައި މިބިލް ހުށަހަޅާ މިބިލްގެ ބަހުސް ވަނީ ކުރިޔަށް ގެންދަންފައްޓަވާފަ އެވެ.

Advertisement

ބަހުސަށް ހުޅުވާލެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ މިއަދު މި ބިލުގެ މަސައްކަތްތައް ނިންމާ ވޯޓަށް އެހުމަށް ކަމަށެވެ.

އަޅުގަނޑު ހިތުލާ މިހުރީ މިއަދު 10:30 އަށް މި ބިލުގެ އިބްތިދާއީ ބަހުސް ނިންމާ 11 ޖަހާއިރު ބިލު ބަލައިގަތުމަށް ވޯޓަށް އަހާ އަދި ހަމަ އެހިނދުން މި ބިލު މުޅި މަޖިލީހުގެ ކޮމިޓީއަކަށް ގޮސް މުޅި މަޖިލީހުގެ ކޮމިޓީގެ މަސައްކަތް 12 ޖަހާއިރަށް ނިމި އަދި ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ އެއްބަސްވުން ލިބޭނަމަ، ތިން ދުވަސް މެމްބަރުންނަށް ރިޕޯޓް ފޮނުވާފައި އޮންނަންޖެހޭ ތިން ދުވަސް ދޫކޮށްލެވި އަނެއްކާވެސް މިއަދު 01:30 ގައި ވޯޓަށް އެހި މި ބިލު ނިމިގެން ދިޔުން
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ މި މައްސަލައަކީ ސާފު މައްސަލައެއް ކަމަށާއި އޮޅުންއަރާ ކަމެއް ނޫންކަމަށެވެ.

ރޮޒައިނާ އިޞްލާޙު ހުށަހަޅުއްވަފައިވަނީ މި ޤާނޫނުގެ 18 ވަނަ މާއްދާއަށެވެ. އެގޮތުން ރޮޒައިނާ ހުށަހަޅުއްވާފައިވާ އިޞްލާޙުގައިވަނީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 56 ވަނަ މާއްދާގެ ހ ގައި ބަޔާންކޮށްފައިވާ ގޮތަށް އޮންނަ ވޯޓުތަކުގެ އިތުރުން އެ ކައުންސިލަކަށް އެއިދާރީ ދާއިރާއަކުން ނުވަތަ އެ ރަށަކުން ނުވަތަ އެ އަވަށަކުން އިންތިޚާބު ކުރަންޖެހޭ ޢަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓަކީ ބާޠިލު ވޯޓެކެވެ.

ރޮޒައިނާ މި އިޞްލާޙު ހުށަހެޅުއްވަމުން ވިދާޅުވީ މިބިލް ހުށަހަޅުއްވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ކަރުދާސް ކޮޅުތަކުގައި، އެއް ކަރުދާހެއްގައި 1 މަޤާމަށްވުރެ ގިނަ މަޤާމުތަކަށް މީހުން އިންތިޚާބުކުރުމަށް ވޯޓުލާ ޙާލަތެއްގައި އެއް ވޯޓު ބާޠިލުވުމުން ދެން ހުރި ވޯޓުތައްވެސް ބާޠިލުވެދާނެ ޙާލަތެއް ކުރިމަތިނުވާނެ ގޮތަކަށް ޤާނޫނު ބައްޓަންކުރުން ކަމަށެވެ. މިސާލަކަށް، ރަށު ކައުންސިލްގެ ވޯޓު ކަރުދާހުގައި އަތޮޅު ކައުންސިލްގެ ރައީސް، ރަށުކައުންސިލްގެ ރައީސް، ކައުންސިލަރުން އަދި އަންހެނުންނަށް ޚާއްޞަ ގޮނޑީގެ ކައުންސިލަރުންނަށް ވޯޓުލާއިރު، ރަށު ކައުންސިލް ރައީސަށް ލާ ވޯޓު ބާޠިލުވާ ހިސާބުން މުޅި ވޯޓު ކަރުދާސް ބާޠިލު ވާގޮތަށް އޮތުމުން އޭގަ ދެންއޮތް ކައުންސިލަރުންގެ ވޯޓާއި އަންހެން ކައުންސިލަރުންގެ ވޯޓުވެސް ބާޠިލުވެގެންދާނެ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގެ 18 ވަނަ މާއްދާގައި ބުނަނީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 56 ވަނަ މާއްދާގެ ހ ގައި ބަޔާންކޮށްފައިވާ ގޮތަށް އޮންނަ ވޯޓުތަކުގެ އިތުރުން އެ ކައުންސިލަކަށް އެ އިދާރީ ދާއިރާއަކުން ނުވަތަ އެ ރަށަކުން ނުވަތަ އެ އަވަށަކުން އިންތިޚާބު ކުރަންޖެހޭ ޢަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓު ކަރުދާހަކީ ބާޠިލު ވޯޓު ކަރުދާހެކެވެ. އަދި މިގޮތުން އެ ކަރުދާހުގައި ޖަހާފައިވާ ކޮންމެ ރަނގަޅު ފާހަގައަކީ ބާޠިލު ވޯޓެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް