މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އާއި ބޮރޫޝިއާ ޑޯޓްމުންޑް ބައްދަލުކުރާ މެޗަށް ސަޕޮޓަރުން ނުވައްދަން ނިންމައިފި އެވެ.
ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ޑޯޓްމުންޑުން އަމިއްލަ ދަނޑުގައި ޕީއެސްޖީ އަތުން 2-1 އިން މޮޅުވިއިރު، ދެވަނަ ލެގުގެ މެޗު ކުޅޭނީ ބުދަ ދުވަހުގެރޭ ޕީއެސްޖީގެ ދަނޑުގައެވެ.
ފްރާންސްގައިވެސް ކޮރޯނާވައިރަސް (ކޮވިޑް-19) ހަލުވިކަމާއެކު ފެތިރެމުންދާއިރު، ފްރާންސް ފުލުހުން ވަނީ މި މެޗަށް ސަޕޯޓަރުން ނުވައްދަން ނިންމާފައެވެ. މިއީ ޗެމްޕިއަންސް ލީގުގެ މެޗަކަށް ސަޕޯޓަރުން ނުވައްދަން ނިންމި ފުރަތަމަ ފަހަރެވެ.
މީގެ ކުރިން ވަނީ ފްރެންޗް ލީގުގައި ހޮނިހިރު ދުވަހުގެރޭ ސްޓްރަސްބޯގް އާއި ޕީއެސްޖީ ބައްދަލުކުރަން ހަމަޖެހިފައި އޮތް މެޗުވެސް ފަސްކޮށްފައެވެ.
ފްރާންސްގައި 1200 އަށް ވުރެ ގިނަ މީހުންނަށް މިހާތަނަށް މި ބަލި ޖެހިފައިވާއިރު، މި ބައްޔާ ގުޅިގެން ފްރާންސުން ވަނީ 19 މީހުން މަރުވެފައެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުން ކޮރޯނާ ވައިރަސް މިހާރު ފެނިފައިވާއިރު، ގިނަ ގައުމުތަކުން އަންނަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން އިޓަލީގައި މިހާރު ވަނީ ކުޅިވަރުގެ ހުރިހާ ހަރަކާތެއް ހުއްޓާލާފައެވެ.