ކ. މާލެ
|
10 މާރޗް 2020 | އަންގާރަ 07:56
ފަޅު ދަނޑެއްގައި ދާދި ފަހުން ޔުވެންޓަސް ކުޅުނު މެޗުގެ ތެރެއިން
ފަޅު ދަނޑެއްގައި ދާދި ފަހުން ޔުވެންޓަސް ކުޅުނު މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ކޮރޯނާވައިރަސް (ކޮވިޑް-19)
އެއްވެސް ކުޅިވަރު ހަރަކާތެއް ނުބޭއްވުމަށް އިޓަލީން ނިންމައިފި
އިޓަލީގައި ކުޅިވަރު ހަރަކާތްތައް ހުއްޓާލީ މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން
އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް އިޓަލީގައި އެއްވެސް ކުޅިވަރު ހަރަކާތެއް ނުބާއްވާނެ

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް އެއްވެސް ކުޅިވަރު ހަރަކާތެއް ނުބޭއްވުމަށް އިޓަލީން ނިންމައިފި އެވެ.

މިކަން އިއުލާނުކޮށްފައިވަނީ ހޯމަ ދުވަހުގެރޭ އިޓަލީގެ ބޮޑުވަޒީރު ޖުސެއްޕޭ ކޮންޓޭ އެވެ. ޖުސެއްޕޭ ކޮންޓޭ ވިދާޅުވީ އެ ގައުމު މިހާރު އެއްކޮށް ލޮކްޑައުން ކޮށްފައިވާ ކަމަށާއި، އާންމު އެއްވުންތައް ބޭއްވުންވެސް މިހާރު މަނާކޮށްފައިވާ ކަމަށެވެ. އަދި އަންގާރަ ދުވަހުން ފެށިގެން ދަތުރު ކުރުމަށް ހުއްދަދެނީ ވަޒީފާއަށާއި، އާއިލީ ކަމެއް މެދުވެރިވެގެން އެކަނި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އިޓަލީގައި ހަލުވިކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުން އަންނާތީ އިޓަލީ ސަރުކާރުގެ މި ނިންމުމާއެކު، އޭޕްރީލް ތިނެއްގެ ކުރިން ކުޅެން ހަމަޖެހިފައި އޮތް އިޓާލިއަން ލީގުގެ އެއްވެސް މެޗެއް ކުރިއަކަށް ނުގެންދާނެ އެޗެ. އެކަމަކު ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވާ އިޓަލީގެ ކްލަބުތަކާއި، ގައުމީ ޓީމުތައް ކުޅޭ މެޗުތައް ކުރިއަށްދާނެ އެވެ.

އިޓަލީގައި ކުޅިވަރު ހަރަކާތްތައް ހުއްޓާލަން ނިންމިއިރު، މީގެ ކުރިންވެސް ވަނީ އިޓާލިއަން ލީގުގެ ބައެއް މެޗުތައް ފަސްކޮށްފައެވެ. އަދި ބައެއް މެޗުތައް ކުޅެފައިވަނީ ސަޕޯޓަރުން ނުވައްދައެވެ.

އިޓަލީގައި 9000 އަށް ވުރެ ގިނަ މީހުންނަށް މިހާތަނަށް މި ބަލި ޖެހިފައިވާއިރު، މި ބައްޔާ ގުޅިގެން އިޓަލީން ވަނީ 400 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުން ކޮރޯނާ ވައިރަސް މިހާރު ފެނިފައިވާއިރު، ގިނަ ގައުމުތަކުން އަންނަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން އިޓާލިއަން ލީގުގެ އިތުރަށް ފްރެންޗް ލީގުގެ ބައެއް މެޗުތައްވެސް މިހާރު އަންނަނީ ފަސް ކުރަމުންނެވެ. އަދި ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސް އާމެދު ސުވާލު އުފެދިފައިވާއިރު، މި އަހަރު ބާއްވަން ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތާއި މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް