ކޯވިޑް-19 އާއި ގުޅިގެން ޓެރެވަލް ރިލޭޓެޑް ކްލިނިކެއް މާލޭގައި ހުޅުވަން ނިންމައިފިއެވެ.
ކޯވިޑް-19 އާއިގުޅޭގޮތުން ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާލަތާއި ގުޅިގެން އުފައްދާފައިވާ ޓާސްކް ފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މި ކްލިނިކް ހުޅުވިގެންދާނީ އަންގާރަ ދުވަހު ހެނދުނު 10:00 ގައި ކަމަށެވެ.
މި ކްލިނިކް ހުންނާނީ މާލެ ހިޔާ ފުރަގަހުގައި އޮންނަ ޖާގައިގައި ކަމަށް އޭނާ ވިދާޅުވިއެވެ.
މި ކްލިނިކްގެ މަޤްސަދަކީ ރާއްޖެއިން ބޭރަށް ދަތުރުކުރައްވާފައި ތިބި ފަރާތްތަކުން އަދި ރާއްޖޭގައި ވެސް މިކަމުގެ އަލާމާތްތައް ހުރި ކަމަށް އަމިއްލައަށް ޝައްކު ކުރެވޭ ފަރާތްތަކަށް ގޮސް ޓެސްޓް ކުރެވޭނެ ވަސީލަތެއް ޤާއިމްކޮށްދިނުން ކަމަށެވެ.
އަދި ހުރިހާ ފަރާތްތަކަށްވެސް އެ ކްލިނިކަށް ދިއުމުގެ ފުރުޞަތު އޮންނާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ޤައުމުތަކަށް ރާއްޖެއިން ދަތުރުފަތުރުގެ ސަމާލު ނެރިފައިވާ ތާރީޚުތައް
ޗައިނާ: 4 ފެބްރުއަރީން ފެށިގެން
އީރާން: 26 ފެބްރުއަރީން ފެށިގެން
ސައުތް ކޮރެއާގެ 2 ޕްރޮވިންސް: 3 މާރޗުން ފެށިގެން
އިޓަލީ: 8 މާރޗުން ފެށިގެން
ބަނގްލަދޭޝް: 10 މާރޗުން ފެށިގެން