މުޅި ދުނިޔޭގައި ހަލުވި މިނެއްގައި ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކާއި، މިބަލިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިޔުއެޗްއޯއިން ތަޢުރީފުކޮށްފިއެވެ.
ރާއްޖެއިން ކޮވިޑް-19 އަށް 04 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ހަތަރު މީހަކު ވަނީ ފެނިފައެވެ. މީގެ ތެރޭގައި ހިމެނެނީ އިޓަލީވިލާތުގެ ފަތުރުވެރިޔާ ހުރެފައި ދިޔަ، ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މުވައްޒަފެކެވެ. އަނެއް ދެ މީހުންނަކީ ސޭންޑީސް ބަތަލާއަށް ޗުއްޓީ ހޭދަކޮށްލަން އައިސް އުޅުނު އިޓަލީވިލާތުގެ ދެ ފަތުރުވެރިންނެވެ.
ރާއްޖޭގެ މިޙާލަތައް ރިޢާޔަތްކޮށް ހޯމަ ދުވަހު ޑަބްލިޔުއެޗްއޯއިން ނެރުނު ނޫސްބާޔާނުގައި ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުނަށް ފަރުވާ ދިނުމާއި، ކޮންޓެކްޓިވި މީހުން ދެނެގަތުމާއި، އެ ބައްޔަށް ސްކްރީން ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ހެލްތު މިނިސްޓްރީއާއެކު އެޖަމްޢިއްޔާއިން މަސައްކަތް ކުރަމުންދާ ކަމަށް ބަޔާނުގައިވެއެވެ.
މީގެ އިތުރުން ޑަބްލިޔުއެޗްއޯއިން ބުނީ 1000 ސާމްޕަލް ޓެސްޓު ކުރެވޭ ކޮވިޑް19 ގެ 10 ޓެސްޓިން ކިޓުތަކާއި 250 ޕަރސަނަލް ޕްރޮޓެކްޝަން އިކުއިޕްމަންޓް ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަމަށެވެ. އައިޖީއެމްއެޗްގެ ލެބޯޓަރީގައި ކޮވިޑް19 އަށް ޓެސްޓް ކުރެވޭނެ އާލަތްތައް ޤާއިމުކޮށް، އެތަނުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ފަންނީ އެހީތެރިކަން ފޯރުކޮދެމުންދާ ކަމަށެވެ.
ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. އަރަވިންދު މާތުރުއާ ޙަވާލާދެއްވާ ބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19 ފެނިފައިވާ މިދަނޑިވަޅުގައި މިވައިރަސް ނައްތާލުމުގައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ސާފުތާހިރުކަން އިސްކޮށް، ކަމާބެހޭ މުއައްސަސާތަކުން އަންގާފައިވާ ގޮތަށް ޢަމަލުކުރުމަށް ޑަބްލިޔުއެޗްއޯއިން ވަނީ އިލްތިމާސްކޮށްފައެވެ.