އެމްޑީޕީގެ “ރަށްވެހި ފަތިސް” ކެމްޕެއިން ކޮވިޑް-19 އަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމާއި އެކުގައި ކުރިއަށްގެންދިއުމަށް މައި ކެމްޕެއިން ޓީމުން ނިންމައިފިއެވެ.
މިކަމާއި ގުޅިގެން ހޯމަ ދުވަހު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީއަކީ، 93000 އަށްވުރެ ގިނަ މެންބަރުން ތިބި، ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީކަމުގައިވާތީ، ރާއްޖޭގެ ކޮންމެ މީހުން ދިރިއުޅޭ ރަށަކާއި ގުޅިފައިވާ ވިއުގަ މެދުވެރިކޮށް ކެންޕެއިން މެސެޖުތަކާއެކު، ކޮވިޑް-19 އިން ސަލާމަތްވުމުގެ މައްޗަށް ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށެވެ،
އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާއި، ހެލްތު މިނިސްޓްރީ އަދި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ކޯވިޑް-19 އާއި ގުޅޭގޮތުން ޢާންމުކުރާ މަޢުލޫމާތާއި، ޚަބަރު އެމްޑީޕީގެ ކެންޕޭނު ޓީމުތަކުން ޢާންމުންނާ ޙިއްސާކުރަމުންދާނެކަމަށެވެ.
ދިވެހިރާއްޖެއިން ކޯވިޑް-19 ފެނިފައިވާތީ ބައްޔަށް މަގުފަހިވާ ބާވަތުގެ ކެންޕޭނުގެ އެއްވެސް ޙަރަކާތެއް ނުހިންގުމަށާއި، ސޯޝަލް މީޑިއާ އަދި މުއާޞަލާތީ ވަޞީލަތްތައް މެދުވެރިކޮށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެންޕޭނު ޙަރަކާތްތައް ކުރިއަށްގެންދިއުމަށް އެމްޑީޕީން ނިންމާފައިވަނީ ނިމިދިޔަ ހޮނިހިރު ދުވަހުގައެވެ.