ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލުތަކަށް ޢާންމުންގެ ޚިޔާލު ހޯދުމަށް މަޖިލީހުގެ އިދާރާގައި ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން ދެވަނަ ބައްދަލުވުން އިންތިޤާލީ އިންސާފުގެ ބިލަށް ޚާއްސަކޮށްފި އެވެ.
މިބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 ވާ ބުދަ ދުވަހުގެ ރޭގަނޑު 20:15 ގައެވެ. މިބައްދަލުވުން އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 4 ވަނަ ފަންގިފިލާގަ އެވެ.
މިބައްދަލުވުމުގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ ބަންޑާރަ ނައިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތާއި ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދް އާއި ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ އަދި ތުޅާދޫ ދާއިރާގެ މެމްބަރ ހިސާން ހުސައިން އަދި ހިތަދޫ މެދު ދާއިރާގެ މެމްބަރ އަހުމަދު ރަޝީދެވެ. އަހުމަދު ރަޝީދަކީ މިބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވި މެމްބަރެވެ.
މިބިލް ދިރާސާކުރުމުގެ މަސައްކަތްކުރަމުންދަނީ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީންނެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމަކީ 1 ޖެނުއަރީ 2012 ވަނަ އަހަރުން ފެށިގެން 17 ނޮވެމްބަރު 2018 އާއި ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުން ތެރިއެއްގެ ފުށުން ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި ޢަސާސި މިނިވަންކަމާއި ޚިލާފަށް ހިންގާފައިވާ ބޮޑެތި ޢަމަލުތައް ބަލައި، އެފަދަކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫނީ އޮނގަނޑު އެކުލަވާލުމެވެ.
މި ބިލްގެ ދަށުން ފަރުދުންގެ މެދުގައި ޞުލްޙަކޮށް، މުޖްތަމަޢު އެއްބައިވަންތަ ކުރުމަށް މަސައްކަތް ކުރުމާއި ޤައުމުގެ އަމަން އަމާންކަން ދަމަހައްޓައި މަދަނީ މަސަލަސްކަމަށް ޖާގަދިނުމާއި ޤާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކޮށް، ރައްޔިތުންނަށް ޢަދުލު އިންސާފަށް ވާޞިލުވެވޭނެ މަގު ތަނަވަސް ކޮށްދެވޭނެއެވެ.
މީގެކުރިން މަޖިލީހުގެ އިދާރާގައި އާންމުނަށް ހުޅުވާލައިގެން ޚިޔާލު ހޯދާފައިވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ގުޅޭގޮތުންނެވެ.