އިޓާލިއަން ލީގުގައި އިންޓަ މިލާން ބަލިކޮށް ތާވަލުގެ އެއްވަނައަށް ޔުވެންޓަސް ޖެހިލައިފިއެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ސަޕޯޓަރުންނާއި ނުލާ ކުޅުނު މި މެޗު ޔުވެންޓަސްއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ޔުވެންޓަސްއިން އޮތީ ލާޒިއޯއަށް ވުރެ ޕޮއިންޓެއް އިތުރަށް ލިބިގެންނެވެ. ޔުވެންޓަސްއަށް 26 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު ތާވަލުގެ ދެވަނައިގައި އޮތް ލާޒިއޯއަށް 26 މެޗުން ލިބިފައިވަނީ 62 ޕޮއިންޓެވެ. އަދި މި މެޗުން ބަލިވި އިންޓަ މިލާން ތާވަލުގެ ތިންވަނައިގައި އޮތީ ކުޅުނު 25 މެޗުން ލިބުނު 54 ޕޮއިންޓާއެކުގައެވެ.
އާދީއްތަ ދުވަހުގެރޭ ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ޔުވެންޓަސްގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށާއި ޕައުލޯ ޑިބާލާ އަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 0-0 ގެ ނަތީޖާ އަކުންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ޔުވެންޓަސްއިން އެޓީމުގެ އެޓޭކްތައް ރަނގަޅުކުރި އިރު، ޔުވެންޓަސް އިން ވަނީ މެޗުގެ 54 ވަނަ މިނެޓުގައި ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ރޮނާލްޑޯގެ އެހީތެރިކަމާއިއެކު އެޓީމަށް ކާމިޔާބުކޮށްދިނީ އާރޮން ރަމްސީ އެވެ. މި ލަނޑަށްފަހު ވެސް ޔުވެންޓަސް އަށް ވަނީ ލަނޑު ޖެހުމަށް ރަނުގެ ފުރުސަތުތަކެއްލި ބޭކާރުވެފައެވެ. މެޗުގެ 57 ވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރަމްސީގެ އެހީތެރިކަމާއިއެކު ޑިބާލާ އެވެ.
ކޮރޯނާވައިރަސްގެ ސަބަބުން އިޓާލިއަން ލީގުގެ މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅުމަށް ވަނީ އެގައުމުގެ އެފްއޭ އިން ނިންމައިފައެވެ. އިޓަލީއަކީ ޔޫރަޕުން ކޮރޯނާވައިރަސް އެންމެ ހަލުވިކަމާއެކު ފެތުރެމުން އަންނަ ގައުމެވެ. އެގޮތުން މިހާތަނަށް އިޓަލީއިން ވަނީ 7000 އަށް ވުރެ ގިނަ މީހުން އަށް ކޮރޯނާވައިރަސް ޖެހިފައެވެ. އަދި 366 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.