ކ. މާލެ
|
8 މާރޗް 2020 | އާދީއްތަ 21:49
ސީޕްލޭން ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްވަނީ ކޮށްފައި
ސީޕްލޭން ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްވަނީ ކޮށްފައި
ފޭސްބުކް
ކޮވިޑް-19
ކުރެއްދޫއަށް ފަސިންޖަރުން އުފުލި ޓީއެމްއޭގެ ސީޕްލޭން ޑިސްއިންފެކްޓްކޮށްފި
ކޮވިޑް-19 އަށް އެ ރިސޯޓުގައި މަސައްކަތް ކުރަމުން ދިޔަ ދެ ބިދޭސީން ވަނީ ޕޮޒިޓިވްވެފައި
ކުރެއްދޫ ރިސޯޓު އޮތީ އެލާޓް ލެވެލް އޮރެންޖަށް މަތިކޮށް މީހުން އަރާ ފޭބުން މަނާކޮށްފައި
މިވަގުތު އެ ރިސޯޓުގައި 699 ފަތުރުވެރިން އެބަތިބި

ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެމީހުން މަސައްކަތް ކުރަމުންދިޔަ ކުރެއްދޫ ރިސޯޓަށް މީހުން އުފުލަން ބޭނުންކުރި ޓީއެމްއޭގެ ސީޕްލޭން ޑިސްއިންފެކްޓުކޮށް ސާފުކޮށްފި އެވެ.

ކުރެއްދޫއަށް ފަސިންޖަރުން އުފުލަން ބޭނުންކުރީ 8Q-MAZ ޓުވިން އޮޓާ މަރުކާގެ ބޯޓެކެވެ.

ކޮވިޑް-19 އަށް, އެ ރިސޯޓުގައި މަސައްކަތް ކުރަމުން ދިޔަ ދެ ބިދޭސީން ޕޮޒިޓިވް ވެފައިވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އިޓަލީއަށް ދިޔަ ފަތުރުވެރިޔަކު ބައްޔަށް ޕޮޒިޓިވް ވެފައިވާކަން އަންގާފައި ވަނިކޮށެވެ.

އެއާއެކު ކަމާބެހޭ ފަރާތްތަކުން އަންނަނީ އެ ފަތުރުވެރިޔާއާ ކޮންޓެކްޓުވި ފަރާތްތައް ހޯދައި ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް އެއްކޮށް ނިމެންދެން ކުރެއްދޫ ރިސޯޓު އޮތީ އެލަރޓް ލެވެލް އޮރެންޖަށް މަތިކޮށް މީހުން އަރާ ފޭބުން މަނާކޮށްފައެވެ.

ކުރެއްދޫ އައިލެންޑް ރިސޯޓުން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ސަމާލުވާން އަންގާފައިވަނީ ފެބްރުއަރީ 23 އިން މަރޗް 6 އާ ދެމެދު އެ ރިސޯޓުން ފޭބި ފަތުރުވެރިންގެ ތެރެއިން ކޮރޯނާއާ ގުޅުންހުރި އަލާމާތްތައް އެބައެއްގެ ގައިން ފެންނަ މީހުންނަށެވެ. އެގޮތުން އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ވީ އެންމެ އަވަހަކަށް ކަމާބެހޭ ފަރާތްތަކަށް އެންގުމަށް ކުރެއްދޫއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިވަގުތު އެ ރިސޯޓުގައި 699 ފަތުރުވެރިން ތިބިއިރު، ރިސޯޓުގެ ދިވެހި މުވައްޒަފުންނާއި ކޮންސްޓްރަކްޝަން މަސައްކަތްތަކަށް އެރަށަށް ގޮސްތިބި ބިދޭސީ މަސައްކަތްތެރިންގެ ޢަދަދު 628 އަށް އަރާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.

- ކޮމެންޓް