އިނގިރޭސި ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހުގެރޭ އެވަޓަން އަތުން ފަސޭހަކަމާއެކު ޗެލްސީ މޮޅުވެއްޖެ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ޗެލްސީ މޮޅުވީ 4-0 ގެ ނަތީޖާ އަކުންނެވެ.
މި މޮޅާއެކު ޗެލްސީ ތާވަލުގެ ހަތަރުވަނައިގައި އޮތީ ކުޅުނު 29 މެޗުން 48 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި އޮތް ލެސްޓާ ސިޓީއަށް 28 މެޗުން ވަނީ 50 ޕޮއިންޓު ލިބިފައެވެ. އަދި ޗެލްސީ އަތުން ބަލިވި އެވަޓަން އޮތީ ތާވަލުގެ 12 ވަނައިގައި 29 މެޗުން 37 ޕޮއިންޓާއެކު އެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މި މެ މެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. ފުރަތަމަ ލަނޑު މެޗުގެ 14 ވަނަ މިނެޓުގައި ޕެދްރޯ ރޮޑްރިގޭޒްގެ އެހީއާއެކު ކާމިޔާބުކޮށްދިނީ މޭސަން މައުންޓެވެ. އަދި އޭގެ 8 މިނެޓު ފަހުން ރޮސް ބާކްލީ ތަނަވަސްކޮށްދިން ފުރުސަތަކުން ޗެލްސީއަށް ލީޑު ފުޅާކޮށްދިނީ ޕެޑްރޯ އެވެ.
ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި ރޮސް ބާކްލީގެ އެހީއާއެކު ވިލިއަން ޗެލްސީގެ ތިންވަނަ ލަނޑު ޖެހިއިރު، އޭގެ ތިން މިނެޓު ފަހުން ވިލިއަންގެ އެހީއާއެކު އިލިވިއޭ ޖިރޫޑް ވަނީ ޗެލްސީގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ.
ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން އެވަޓަން އަތުން ފަސޭހަކަމާއެކު ޗެލްސީ މޮޅުވިއިރު، ލީގުގައި ދެން އެޓީމުން މެޗެއް ކުޅޭނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އެ ދުވަހު ޗެލްސީ ނުކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ. އަދި މިމަހުގެ 17 ވަނަ ދުވަހު އެވަޓަން ނުކުންނާނީ ޑާބީ މެޗުގައި ލިވަޕޫލާ ދެކޮޅަށެވެ.