މޯލްޑިވްސް އިމިގްރޭޝަންގައި މަސައްކަތް ކުރާ މުވައްޒަފުން ޤަވާއިދުން ވަޒީފާއަށް ނުކުންނަމުންދާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަންގެ މުވައްޒަފުންގެ ތެރެއިން ގިނަ އަދަދެއްގެ މުވައްޒަފުން އާދިއްތަ ދުވަހު ވަޒީފާއަށް ނުނިކުންނަ ކަމަށާއި އެކަމުގެ ސަބަބުން ޕްލައިޓްތައް ޑިލޭވަމުންދާ ކަމަށް ސޯޝަލް މީޑިއާގައި ދަނީ އަޑުފެތުރެމުންނެވެ.
އެކަމާއި ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހަނަފީ ވިދާޅުވީ ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން އިމިގްރޭޝަންގެ އެއްވެސް މުވައްޒަފަކު ސަލާމް ބުނެފައި ނުވާ ކަމަށާއި މުވައްޒަފުން ޤަވާއިދުން ވަޒީފާއަށް ނުކުންނަމުންދާކަމަށެވެ. އަދި މުވައްޒަފުން މަދުވުމުގެ ސަބަބުން އެއްވެސް ފްލައިޓެއް ޑިލޭވި ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19 އާއި ގުޅިގެން މީޑިއާ ތަކުންނާއި އާންމު ފަރާތްތަކުން މީހުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދޮގު ޚަބަރު ނުފެތުރުމަށް ސަރުކާރުން ވަނީ އިލްތިމާސް ކޮށްފައެވެ.