ކ. މާލެ
|
8 މާރޗް 2020 | އާދީއްތަ 09:47
ބާސާ އާއި ސޮސިއެޑާޑް ބައްދަލުކުރި މެޗުގެ ތެރެއިން
ބާސާ އާއި ސޮސިއެޑާޑް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު
ސޮސިއެޑާޑް ބަލިކޮށް ބާސާ އެއްވަނައަށް
ސޮސިއެޑާޑް އަތުން ބާސާ މޮޅުވީ 1-0 އިން

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ރެއާލް ސޮސިއެޑާޑް އަތުން ހަނިގޮތަކަށް މޮޅުވެ، ތާވަލުގެ އެއްވަނައަށް ބާސެލޯނާ ޖެހިލައިފި އެވެ.

ސޮސިއެޑާޑް ބަލިކޮށް ބާސާ އެއްވަނައަށް ޖެހިލީ 27 މެޗުން 58 ޕޮއިންޓާއެކު އެވެ. އެކަމަކު އާދީއްތަ ދުވަހުގެރޭ ރެއާލް ބެޓިސް ބަލިކޮށް ރެއާލް މެޑްރިޑަށް ތާވަލުގެ އެއްވަނައަށް އަލުން އެރޭނެ އެވެ. ރެއާލް މެޑްރިޑަށް 26 މެޗުން ލިބިފައިވަނީ 56 ޕޮއިންޓެވެ.

ބާސާގެ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އެޓީމު މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މި ހާފުގައި އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީ އާއި ފޯވާޑް މާޓިން ބްރާތުވެއިޓަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް، ގޯލާ އަމާޒުކޮށް ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފުގައި މޮޅު ކުޅުމެއް ދެއްކީ ސޮސިއެޑާޑުންނެވެ. އެކަމަކު ސޮސިއެޑާޑުން ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް، ޕެނަލްޓީ ލިބުނީ އޭރިއާ ތެރެއިން އެޓީމުގެ ރޮބިން ލީ ނޯމަންޑުގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ވަނީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އެހީ ހޯދުމަށްފަހު ބާސާއަށް ޕެނަލްޓީއެއް ދީފައެވެ. މެޗުގެ 81 ވަނަ މިނެޓުގައި ބާސާއަށް މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނެލް މެސީ އެވެ.

ލީގުގައި ރޭ ސޮސިއެޑާޑް އަތުން މޮޅެއް ހޯދާ ތާވަލުގެ އެއްވަނައަށް ބާސާ ޖެހިލިއިރު، އެތުލެޓިކޯ މެޑްރިޑް އަމިއްލަ ދަނޑުގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި މެޗުން ލިބުނު ޕޮއިންޓަކާއެކު ތާވަލުގެ ތިންވަނައިގައި ސެވިއްޔާ އޮތީ 27 މެޗުން 47 ޕޮއިންޓާއެކު އެވެ، އަދި އެތުލެޓިކޯ އޮތީ ފަސްވަނައިގައި 27 މެޗުން 45 ޕޮއިންޓާއެކު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް