އެފްއޭ ކަޕް ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ފޯކައިދޫ ފުތްބޯލް ކްލަބު ބަލިކޮށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި ހުކުިރު ދުވަހު ހަވީރު ކުޅުނު މި މެޗު ގްރާންޑޭ އިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާ އަކުންނެވެ.
މެޗު ފަށައިގެން ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ހާފުގައި ގްރާންޑޭއަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ 33 ވަނަ މިނެޓުގައި ގްރާންޑޭގެ މުހައްމަދު ޝަޙާއު އަށް ވަނީ ލަނޑު ޖަހަން ފުރުސަތެއްލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ގްރާންޑޭ އިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު މެޗުގެ 41 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ތޮލާލް ނަސީރެވެ.
ދެވަނަ ހާފު ފަށައިގެން ވެސް ގްރާންޑޭގެ ފަރާތުން މޮޅު އެޓޭކިންގ ގޭމެއް ފެނިގެން ދިޔައިރު ގްރާންޑޭގެ ދެވަނަ ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އޮބައިދާ އެވެ. އަދި ގްރާންޑޭގެ ފަހު ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އޮބައިދާއެވެ.
މި ނަތީޖާ އާއިއެކު ގްރާންޑޭއިން ސެމީގައި ބައްދަލު ކުރަންޖެހޭނީ ބުރާސްފަތި ދުވަހުގެރޭގެ މެޗުން މޮޅުވި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއެވެ.