އިނގިރޭސި އެފްއޭ ކަޕްގައި މެންޗެސްޓާ ޔުނައިޓެޑް އަދި ޑާބީ ކައުންޓީ ބައްދަލުކުރި މެޗު ފަސޭހަ ކަމާއިއެކު ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.
ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ވޭން ރޫނީ ކުޅެމުން އަންނަ ޑާބީ އަތުން ޔުނައިޓެޑް މޮޅުވީ 3-0 ގެ ނަތީޖާ އަކުންނެވެ.
ޔުނައިޓެޑްގެ ފަރާތުން މޮޅު އެޓޭކިންގ ގޭމެއް ފެނިގެންދިޔަ މި މެޗު ފަށައިގެން ޔުނައިޓެޑުން ގެންދިޔައީ ޑާބީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މެޗުގެ 33 ވަނަ މިނެޓު ޔުނައިޓެޑުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލުކް ޝޯ އެވެ. އަދި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އޮޑިއޮން އިގާލޯ އެވެ. މި މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 70 ވަނަ މިނެޓުގައިވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އިގާލޯ އެވެ.
މި މެޗަކީ ޔުނައިޓެޑުގެ ކުރީގެ ކެޕްޓަން ރޫނީ 2018 ގެ ފަހުން ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗެވެ. ޔުނައިޓެޑަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް އޮންނަ ރޫނީ ޔުނައިޓެޑް ދޫކޮށް އެވެޓަންއަށް ބަދަލުވެ ޔުނައިޓެޑާއި ދެކޮޅަށް ކުޅެފައެވެ. އެވެޓަން ދޫކޮށް ރޫނީ ދިޔައީ އެމެރިކާގެ ކްލަބް ޑީސީ ޔުނައިޓެޑަށެވެ. އެއަށްފަހު ރޫނީ އަލުން އެނބުރި އިނގިރޭސިވިލާތުގެ ކްލަބަކާއި ގުޅުނީ ޖަނަވަރީ މަހުގައެވެ.
މެޗަށްފަހު ވާހަކަދައްކަމުން ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ ބުނީ ރޭގެ މެޗަކީ އޭނާ ވަރަށް އިސްކަން ދިން މެޗެއް ކަމަށާއި ޔުނައިޓެޑުން ކޮންމެ މެޗަކަށް ވެސް ނުކުންނާނީ މޮޅުވުމުގެ އަޒުމުގައި ކަމަށެވެ.
ކުއާޓާގައި ޔުނައިޓެޑް ބައްދަލު ކުރަން ޖެހޭނީ ނޯވިޗް ސިޓީ އާއެވެ.