އެފްއޭ ކަޕްގައި ކްލަބު ގްރީން ސްޓްރީޓްސް ޕެނަލްޓީން ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗު ފަށައިގެން 14 ވަނަ މިނެޓުގައި ގްރީނުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. ގްރީންގެ ލަނޑާއިއެކު އެޓީމުން ވަނީ ފަހަތަށް ޖެހި ވަރުގަދަ ޑިފެންސްއެއް ކޮށްފައެވެ. އެގޮތުން މާޒިޔާގެ ވަރުގަދަ އެޓޭކްލައިން ގްރީނުން ވަނީ ހުއްޓުވާފައެވެ.
އެކަމަކު މެޗުގެ 61 ވަނަ މިނެޓުގައި މާޒިޔާއިން ވަނީ ލަނޑު ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. މި ލަނޑާއެކު ގްރީނުން ކުރިޔަށް ޖެހިލިއެވެ. މިއާއެކު މާޒިޔާއަށް ވަނީ މެޗުގެ ދެވަނަ ހާފު ނިމުމުގެ ކުރިން ކައިރި ކައިރީގައި ރަނގަޅު ދެ ފުރުސަތު ލިބި ބޭކާރުވެފައެވެ.
މެޗުގެ 90 މިނެޓު ހަމަވުމުން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި ގްރީނުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މުހައްމަދު އުމެއިރު އެވެ. މާޒިޔާގެ ބިދޭސީ ދެ ޑިފެންޑަރުން ކުރިޔަށް އަރުވައި ކުޅުނު މި މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުގައި އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އެވެ.
އިތުރު ވަގުތު ނަތީޖާ އެއްވަރު ވުމުން ޖެހި ޕެނަލްޓީ ޝޫޓްއައުޓް މާޒިޔާއިން ކާމިޔާބުކުރީ 6-5 ގެ ނަތީޖާއަކުންނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނީ މެޗުން މޮޅުވުމުން ކުޅުންތެރިންނަށް މަރުހަބާ ކިޔާ ކަމަށާއި ހަފުތާއެއްގެ ތެރޭގައި ތިން މެޗު ކުޅެން ޖެހުމުން އުނދަގޫ ތަކަކާއި ދިމާވި ކަމަށެވެ. މީގެ އިތުރުން ސެކުލޮސްކީ ބުނީ މެޗުން މޮޅުވުމުގައި މާޒިޔާއަށް ނަސީބުވެސް އެހީވި ކަމަށެވެ.
ގްރީންސް ސްޓްރީޓްސްގެ ކޯޗު އަލީ ނިޝްތާރު މުހައްމަދު ވަނީ މެޗުގައި ރެފްރީން ނިންމި ބައެއް ނިންމުންތަކަށް ފާޑު ކިޔާފައެވެ. އޭނާ ބުނީ މެދަށް އަރާ މީހާ ރަނގަޅަށް އެސެސްކުރަން ޖެހޭނެ ކަމަށާއި އޭނާގެ ނިންމުންތަކާއި ހެދި އުނދަގޫވި ކަމަށެވެ.