ސްވިމިން އެސޯސިއޭޝަނުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މުބާރާތް ތަކުގައި ވާދަކުރާ ފެތުންތެރިން އަތުން ގިނަ ޢަދަދެއްގެ ފައިސާ ސްވިމިން އެސޯސިއޭޝަނުން ނެގުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ސްވިމިންގައި ޙަރަކާތްތެރިވާ ސީނިއަރ ފަރާތްތަކުން ބުނެފިއެވެ.
ރާއްޖެ ޓީވީގެ ކުޅިވަރު ފައިލް ޕްރޮގުރާމުގައި ވާހަކަ ދައްކަމުން ކުރީގެ ޤައުމީ ކޯޗު އިސްމާއީލް ފަރުހާން (ފަރޭ) ބުނީ ކޮންމެ މުބާރާތެއްގައި ވެސް ފެތުންތެރިން އަތުން ގިނަ އަދަދެއްގެ ފައިސާ އެސޯސިއޭޝަނުން ނަގަމުން ދާ ކަމަށެވެ.
ސަރުކާރުން ކޮންމެ އަހަރަކު ސްވިމިން އެސޯސިއޭޝަނަށް ބޮޑު ބަޖެޓެއް ދެމުންދާއިރު އަދި ޤައުމީ މުބާރާތް ފަދަ ބޮޑެތި މުބާރާތްތައް ބީއެމްއެލް ފަދަ ކުންފުނިތަކަށް ވިއްކާލައިގެން ބާއްވާއިރު ކޮންމެ ފެތުންތެރިއެއް އަތުން ކޮންމެ އިވެންޓަކަށް 50ރ. ނަގަމުންދާ ކަމަށެވެ. މުބާރާތެއްގައި އާންކޮށް ސްވިމަރަކު އަށް އިވެންޓްގައި ވާދަކުރާ އިރު މި ގޮތައް ކޮންމެ އިވެންޓަކަށް ފައިސާ ނެގުމުން މުބާރާތެއްގައި ވާދަކުރާ ކޮންމެ ސްވިމަރަކު 400ރ. ކޮންމެ މުބާރާތަކަށް ދައްކަމުންދާ ކަމަށް ފަރުހާން ފާހަގަ ކުރިއެވެ.
އާންމުކޮށް އަޅުގަނޑުމެންގެ ސްވިމަރަކު މުބާރާތެއްގައި ފެތުމަށް ހަތަރު ސަތޭކަ ރުފިޔާ އެބަ ދައްކާ. މިދިޔަ އަހަރު ނިމިގެންދިޔަ ގައުމީ މުބާރާތުގެ ކުލަބު ކެޓަގަރީގައި ހަމަ އެކަނި ނިއު ލެގޫންސް ޓީމުން އެކަނި ވެސް އަށްހާސް ރުފިޔާ ދީގެން ބައިވެރިވީ. މިހާ ގިނަ ފައިސާ ސްވިމަރުން އަތުން ނަގާއިރު ކޮބައިތޯ ސަރުކާރުން މުބާރާތް ބޭއްވުމަށް ދޭ ބަޖެޓް. ކޮބައިތޯ ސްޕޮންސަރުން އަތުން ނަގާ ފައިސާ. މުބާރާތުގެ އޮފިޝަލުންނަށް ދޭ އެލަވަންސްއެއް ބޮޑެއް ނުވޭ. މުބާރާތުގެ އިނާމް ފައިސާއެއް ބޮޑެއް ނުވޭ، ހަމަ އެކަނި ލިބެނީ މެޑަލް އަކާއި ސެޓްފިކެޓެއްފަރުހާން
ސްވިމިން އާއި އެއްމެ އެއްގޮތް ކުޅިވަރަކީ އެތްލެޓިކްސް ކަމަށާއި، އެ ކުޅިވަރު ކުޅޭ އެތުލީޓުން މުބާރާތުގެ އިވެންޓްތަކުގައި ބައިވެރިވުމަށް ފައިސާ ދައްކަން ނުޖެހޭއިރު މުބާރާތްތަކުގައި އިނާމު ފައިސާ ވެސް ދޭ ކަމަށް ފަރުހާން ބުންޏެވެ. ފަރުހާން ބުނީ އެތައް ސަތޭކަ ސްވިމަރުން އުޅޭ ސްވިމިންގައި އިނާމު ފައިސާއެއް ހަމަ އެކަނި ލިބެނީ ގައުމީ މުބާރާތުން އެކަނި ކަމަށެވެ.
ސްވިމިން އެސޯސިއޭޝަނުން އިންފްރާސްޓަކްޗަރ ތަރައްގީ ކުރުމަށް މާލެ އާއި، އަތޮޅު ތެރޭގައި ވެސް ހާއްސަ ސަމާލުކަމެއް ދެމުންދާ ކަމަށާއި އެހެން ނަމަވެސް ފެތުންތެރިންގެ ކުރި މަގަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ފަރުހާން ފާހަގަ ކުރިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 8 ވަރަކަށް ޕްލެޓްފޯމް ގާއިމުކޮށްފައިވާއިރު ސްވިމަރުން އުފެއްދުމަށް މަސައްކަތް ކުރާތަން ފެންނަނީ ހަމަ އެކަނި އައްޑޫ ސިޓީންކަން ފަރުހާން ފާހަގަކުރިއެވެ. އައްޑޫގައި ދެ ކުލަބެއް އުފެދިގެން ފެތުންތެރިން އުފެއްދުމަށް މަސައްކަތް ކުރަމުންދަނިކޮށް މިހާރު ފެންނަނީ އެކަމުގެ ތެރެއަށް އެސޯސިއޭޝަން ވަދެފައިވާތަން ކަމަށާއި، އެސޯސިއޭޝަންގެ އިޚުލާސްތެރިކަމެއް ހުރި ނަމަ އައްޑޫ ސިޓީގައި ފެތުންތެރުން އުފެއްދުމަށް އަމިއްލަ ޝައުޤުގުވެރި ކަމުގައި ނުކުތް ދެ ކުލަބަށް ސަޕޯޓު ދީގެން ކުލަބުތައް މެދުވެރިކޮށް ފެތުންތެރިން އުފެއްދުމަށް މަސައްކަތް ނުކުރަންވީ ކީއްވެތޯ ފަރުހާން ވަނީ ސުވާލު އުފައްދާފައެވެ.
ރާއްޖޭގައި ގިނަ ކުޅިވަރު އެސޯސިއޭޝަނުންތަކުން ފެންނަމުން ދަނީ އެކަޑަމީތަކަށް ބާރު ދީގެން އެކަޑަމީތައް މެދުވެރިކޮށް ވައިޑީޕީ ހިންގަމުންދާ ތަން ނަމަވެސް ސްވިމިންގ އެސޯސިއޭޝަނުން ހިނގަނީ އެ މަގުން ނޫން ކަމަށް ފަރުހާން ފާހަގަ ކުރިއެވެ.
ސްވިމިން އެސޯސިއޭޝަނުން ނަމަކަށް ވައިޑީޕީ ޕްރޮގުރާމު ހިންގާ އިރު ކުލަބުތަކުން ހިންގާ ޕްރޮގުރާމުގައި މިހާރު ވެސް 10 ނޫނީ 15 ވަރަކަށް ކޯޗުން ތިބި އިރު 300 ކުދިން ކުލަބުތަކުގެ ޕްރޮގުރާމުތަކުން ތަމްރީން ހަދަމުންދާ ކަމަށް ފަރުހާން ވަނީ ބުނެފައެވެ.
ރާއްޖޭގައި އޮތް އެއްމެ ބޮޑު ދެ ކުލަބު ލައިފް ގާޑް އެސޯސިއޭޝަން އަދި ނިއު ލެގޫންސް އިން ކުރަމުންދާ މަސައްކަތުން އެސޯސިއޭޝަނަށް މުބާރާތް އެ ބޭއްވެނީ. ކުލަބުތަކުން ވިޔަފާރި ކުރާ ވާހަކަ ދައްކާއިރު އެ ފައިސާ އިން އެތައް ކޯޗުންނަށް އަދި އެތައް ސްވިމަރަކަށް އެހީތެރިކަން ލިބެމުންދޭފަރުހާން
ސްވިމިން އެސޯސިއޭޝަންގެ މެނޭޖްމަންޓް ތިން ދައުރު ހަމަކޮށްފައިވާއިރު މި މަހުގެ 28 ވަނަ ދުވަހު އިންތިޚާބެއް ބޭއްވުމަށް ވަނީ އިޢުލާންކޮށްފައެވެ. ސްވިމިން އެސޯސިއޭޝަނުގެ އިންތިޚާބު ޑޮމިނޭޓްކުރާ ފަރާތްތަކަކީ ޓެކްނިކަލް އޮފިޝަލުން ކަމަށާއި އެ ވޯޓުތަކަކީ ސްވިމިން އެސޯސިއޭޝަނުގެ އެކްސްގައި ތިބޭ ފަރާތްތައް ނޫން އެހެން ބަޔަކަށް ލިބޭ މަޢުލޫމާތުތަކެއް ނޫން ކަމަށް ފަރުހާން ފާހަގަ ކުރިއެވެ.