މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ގެ ނަން ރިޔާސަތުން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުވާން އަންގައިފި އެވެ.
ނަޝީދުގެ ނަން އިއްވާފައިވަނީ ނިޒާމީ މައްސަލައެއްގެ ފުރުސަތަކަށް އެދިވަޑައިގެން އެފުރުސަތު ނުދެއްވުމުން އަޑުގަދަ ކުރައްވަމުން ގެންދަވަން ފެއްޓެވެމުންނެވެ.
ކާށިދޫ ދާއިރާގެ މެންބަރ ޢަބްދުﷲ ޖާބިރު ހުށަހަޅުއްވި ގަރާރަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވާހަކަ ދައްކަވަން ފެއްޓެވީ ޖަލްސާގެ ކުރީކޮޅު ކޮރޯނާ ވައިރަސްއާ ގުޅޭ ކުއްލި މައްސަލައާ ގުޅޭ ގޮތުން އެމްޑީޕީގެ މެންބަރުން ދެއްކެވި ވާހަކައާ ގުޅޭ ގޮތުންނެވެ. އެކަމާ ގުޅިގެން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ނިޒާމީ މައްސަލަ ނަންގަވައި ވިދާޅުވީ ބަހުޘް ކުރަމުންދާ ގަރާރުގެ މައުޟޫއާއި ނުގުޅޭ ވާހަކައެއް މެންބަރު ސައީދު ދައްކަވަމުންދާ ކަމަށެވެ.
އޭގެ ފަހުން ވެސް ސައީދު ކޮރޯނާ ވައިރަސްގެ ވާހަކަ ދެއްކެވުމުން ދެވަނަ ފަހަރަށް ނިޒާމީ މައްސަލަ ނަންގަވާ ވަހީދު އެކަން ފާހަގަ ކުރެއްވި އެވެ. ވަހީދު ނެންގެވި ނިޒާމީ މައްސަލައާ ގުޅިގެން ނަޝީދު ވެސް ނިޒާމީ މައްސަލައެއް ނެންގެވި އެވެ.
ނަޝީދު ނިޒާމީ މައްސަލަ ނަންގަވާ ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި އިދިކޮޅު މެންބަރުން ދައްކާ ވާހަކަތަކަށް ހަޖަމް ނުވެގެން އެމްޑީޕީގެ މެންބަރުން ނިޒާމީ މައްސަލަ ނަންގަވައިގެން އެ މެންބަރުންގެ ވާހަކަތައް ހުއްޓުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. ނަޝީދުގެ މިނިޒާމީ މައްސަލަ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ބަލައެއް ނުގެންނެވި އެވެ. އަދި މާވަށު ދާއިރާގެ މެންބަރު ސައީދުގެ ވާހަކަ ކުރިއަށް ގެންދަވަން ފުރުސަތު ދެއްވި އެވެ. ސައީދުގެ ވާހަކަ ކުރިއަށް ގެންދަވަނިކޮށް އެ ވަގުތު ނަޝީދު ގެންދެވީ ދެވަނަ ފަހަރަށް ނިޒާމީ މައްސަލައިގެ ފުރުސަތު ދެއްވުމަށް އެދިވަޑައި ގަންނަވަމުންނެވެ.
ރިޔާސަތުން އެ ފުރުސަތު ނުދެއްވުމުން ނަޝީދު ގެންދެވީ އަޑުގަދަ ކުރައްވަމުންނެވެ. ނަޝީދު އަޑުގަދަ ކުރައްވަމުން ދިއުމާ ގުޅިގެން ސައީދަށް ވެސް އޭނާގެ ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ އެއާއެކު އީވާ ވަނީ ނަޝީދަށް މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ނަސޭހަތް ދެއްވާފަ އެވެ. އަދި ތިން ފަހަރު ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އެދިވަޑައިގަތުމަށްފަހު ނަޝީދު ނަން އިއްވެވި އެވެ.