ކްލައިމެޓް ފައިނޭންސް މޮބިލައިޒޭޝަން އެންޑް އެކްސެސް ސްޓްރެޓެޖީ ވަރކްޝޮޕް ފޯރ ދަ އައިލެންޑް ސްޓޭޓްސް އިން ދަ އިންޑިއަން އޯޝަން ފަށައިފިއެވެ.
މި މަހުގެ 04 އިން 05 އަށް ކުރިއަށްގެންދާ މި ވަރކްޝޮޕް، ބުދަ ދުވަހުގެ ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ފައްޓަވައިދެއްވީ މިނިސްޓަރ އޮފްއެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އިންޑިއާ ކަނޑުގެ ޖަޒީރާ ޤައުމުތަކުން، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މާލީ ގޮތުންނާއި، ޓެކްނޮލޮޖީގެ ދާއިރާއިންނާއި، އިންސާނީ އަދި އެހެނިހެން ވަޞީލަތްތައް ބޭނުންވާނެ މިންވަރު ދެނެގަތުމަށްޓަކައި ދިރާސާއެއް ކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި އ.ދ. ގެ މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ މުޢާހަދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ) ސެކެޓޭރިއެޓް އާއިގުޅިގެން މަޝްރޫޢެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިއީ، މި މަޝްރޫޢުގެ ދަށުން ހިންގޭ މަސައްކަތު ބައްދަލުވުމެއްކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި މަސައްކަތު ބައްދަލުވުމަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ މުޢާހަދާ، ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖާއި ދިވެހިރާއްޖެ އާއި ގުޅިގެން ބާއްވާ ބައްދަލުވުމެކެވެ. މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤުސަދަކީ މިހާރު ތައްޔާރުކުރެވިފައިވާ އިންޑިއަން އޯޝަންސް ކްލައިމެޓް ފައިނޭންސް މޮބިލައިޒޭޝަން އެންޑް އެކްސެސް ސްޓްރެޓެޖީ' ގެ ދެލި ކޮޕީ ފާސްކޮށް، ސްޓްރެޓެޖީ ތަންފީޒުކުރާނެ ޕްލޭނެއް އެކުލަވާލުންކަމަށް މިނިސްޓްރީން ބުނެއެވެ.
މި ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ޖަޒީރާ ޤައުމަތަކުގެ ތެރެއިން 5 ޤައުމަކުން ބައިވެރިވެއެވެ. އެގޮތުން މި ބައްދަލުވުމުގައި ބައިވެރިވާ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ، މޮރިޝަސް، ސީޝެލްސް، ސްރީލަންކާ އަދި ކޮމޮރަސް ހިމެނެއެވެ. މި މަސައްކަތު ބައްދަލުވުމަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއާއި ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮންކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) ގުޅިގެން ބޭއްވޭ މަސައްކަތު ބައްދަލުވުކެވެ.