Advertisement
ކ. މާލެ
|
4 މާރޗް 2020 | ބުދަ 09:48
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފެމިލީ ސަޕޯޓް ޑިޕާޓްމަންޓުގެ ޕާފޯމެންސް އޮޑިޓް ރިޕޯޓް ކޮމިޓީއަށް ފޮނުވައިފި
މިއޮޑިޓަކީ މިއަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވާ ކަންކަމުގެ ތެރެއިން ކަމެއް
އޮޑިޓަރ ޖެނެރަލް އޮފީހުން އެކުލަވާލާފައިވާ މިރިޕޯޓްގައި އެޑިޕާޓްމަންޓްގެ މަސައްކަތްތައް މިހާރު ހުރި ގޮތާއި އިސްލާހުކުރަން ހުށަހަޅާ ކަންތައްތަކެއް ވަނީ ފާހަގަކޮށްފައި

ކުޑަ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ މަތިކޮށްފައިވާ ޖެންޑަރ މިނިސްޓްރީގެ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފެމިލީ ސަޕޯޓް ޑިޕާޓްމަންޓުން ކުރަމުންދާ މަސައްކަތްތަކުގެ ޕަރފޯމަންސް ދެނެގަތުމަށް އޮޑިޓަރ ޖެނެރަލް އޮފީހުން އެކުލަވާލި އޮޑިޓް ރިޕޯޓު އެކޮމިޓީއަށް ފޮނުވައިފި އެވެ.

މިއޮޑިޓަކީ މިއަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވާ ކަންކަމުގެ ތެރެއިން އެއް ކަމެކެވެ. އެޑިޕާޓްމަންޓްގެ ޕާފޯމެންސް އޮޑިޓެއް ހެދުމަށް އެދުމުން އޮޑިޓް އޮފީހުން ކޮށްފައިވާ އޮޑިޓް ރިޕޯޓް ނިންމުމަށްފަހު މަޖިލީހުގެ އިދާރާއަށް ވަނީ ފޮނުވާފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި މިރިޕޯޓް ވަނީ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުވާފަ އެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން އެކުލަވާލާފައިވާ މިރިޕޯޓުގައި އެޑިޕާޓްމަންޓްގެ މަސައްކަތްތައް މިހާރު ހުރި ގޮތާއި އިސްލާހުކުރަން ހުށަހަޅާ ކަންތައްތަކެއް ވަނީ ފާހަގަކޮށްފަ އެވެ. މިއޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ޝަކުވާ ހުށަހެޅުމަށްޓަކައި ގާއިމުކޮށްފައިވާ ޗައިލްޑް ހެލްޕްލައިން 1412 އިން 24 ގަޑިއިރު ޚިދުމަތް ދެވެމުން ނުދާކަން ވަނީ ފާހަގަކޮށްފަ އެވެ. ޗައިލްޑް ހެލްޕްލައިން، ކޯލް ސެންޓަރު ބަންދުކުރާ ގަޑިތަކުގައި އޮން-ކޯލްގައި ހުންނަ މުވައްޒަފަށް ކޯލްތައް ޑައިވަރޓްވާއިރު އެ މުވައްޒަފު ކޭހެއްގައި މަސައްކަތްކުރަމުންދާ ވަގުތާއި އޮން-ކޯލް ފޯނަށް ޖަވާބުދޭ ވަގުތުތަކުގައި ޑައިވަރޓްވާ ކޯލްތަކަށް ޖަވާބުނުދެވޭ ކަމަށް މިރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅޭ ޝަކުވާތަކާއި ބަލަމުންދާ މައްސަލަތަކުގެ މައުލޫމާތު ބަލަހައްޓަމުންދާ ކޭސް ޓްރެކިންގ އެކްސެލް ފައިލުގައި ކުޑަކުދިންގެ ޙައްޤުތަކަށް އިހުމާލުވަމުންދާ ފަރާތްތަކުގެ ޒާތީ މައުލޫމާތު ހިމަނަމުން ނުދާކަމަށްވެސް މިރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

Advertisement

އަދި ޖެންޑަރ މިނިސްޓްރީގެ ކޭސް ލޯޑާއި އަޅާބަލާއިރު ފަންނީ މުވައްޒަފުން ނެތުމުގެ ސަބަބުން ތިބި މުވައްޒަފުންނަށް މަސައްކަތްކުރަންޖެހޭ ނިސްބަތް އިތުރުވެފައިވާ ކަމަށްވެސް މިއޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

މިއޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި 2017 ވަނަ އަހަރުން ފެށިގެން ކުޑަކުދިންނާ ގުޅޭ މައްސަލަތައް ހުށަހެޅޭ މިންވަރު ވަނީ އިތުރުވަމުން އައިސްފަ އެވެ. 10 ފެބްރުއަރީ 2020 އާ ހަމައަށް ޑިޕާޓްމަންޓްގައި މަސައްކަތް ކުރަމުން އައިސްފައިވަނީ 16 ކޭސްވާކަރުންނާއި 1 ސުޕަވައިޒަރެވެ. އެއިން ކޮންމެ މުވައްޒަފަކު އެވްރެކްޖޮށް 76 ކޭސް ބަލަހައްޓަމުންދާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މިނިސްޓްރީގައި 10 ފެބުރުވަރީ 2020ގެ ނިޔަލަށް 1,217 މައްސަލަ ބަލަމުންދާ ކަމަށް މިރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ކޭސްވާކަރުންނަށް އެކަށީގެންވާ އަދަދަށްވުރެ ގިނައިން ކޭސް ހަވާލުކުރުމުގެ ސަބަބުން ކޭސްތަކަށް ދޭންޖެހޭ ވަގުތާއި ސަމާލުކަން ނުދެވި، މަސައްކަތުގެ ފެންވަރަށް އަސަރުކުރާކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި މިގޮތުން ކޭސް އެލޮކޭޓް ނުކުރެވި ގިނަ ދުވަސްތަކެއް ހޭދަވާކަމަށާއި އެސެސްމަންޓް ގަވާއިދުން ހެދުމުން ނުދާކަމަށާއި އެސެސްމަންޓުގައި ހިމަނަން ޖެހޭ ބައެއް މުހިންމު މައުލޫމާތު ހިމަނާފައިނުވާކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އަދި އެކްޝަން ޕްލޭން ތައްޔާރުކޮށް ފޮލޯ-އަޕް ގަވާއިދުން ހެދުމުން ނުދާކަމާއި ކޭސްތައް ގަވާއިދުން ނިންމަމުން ނުދާކަން ފާހަގަކުރެވޭކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް