ޔުއެފާ ނޭޝަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އާއި ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސް އަދި ވޯލްޑް ކަޕްގެ ރަނަރަޕް ޓީމު ކްރޮއޭޝިއާ އެއް ގްރޫޕެއްގައި ލައްވައިލައިފިއެވެ.
ޔުއެފާ ނޭޝަންސް ލީގުގެ އެންމެ ވަރުގަދަ ގްރޫޕަކީ ގްރޫޕް ތިނެއްގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ސްވިޑެން އެވެ. މި ގްރޫޕްގައި ހިމެނޭ ޕޯޗުގަލް އަކީ މި މުބާރާތުގެ ޗެމްޕިއަނުންގެ އިތުރަށް އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތްވެސް ކާމިޔާބުކުރި ޓީމެވެ. އެފަހަރު ޕޯޗުގަލްއިން ޔޫރޯ ކާމިޔާބުކުރީ ފައިނަލް މެޗުގައި ފްރާންސް ބަލިކޮށްފައެވެ. އަނެއްކޮޅުން ފްރާންސް ދުނިޔޭގެ ޗެމްޕިއަންކަން ހޯދީ ކްރޮއޭޝިއާ ބަލިކުރުމަށްފަހު ގައެވެ. އެހެން ކަމުން މި ތިން ޓީމު ހިމެނޭ މި ގްރޫޕަކީ މި މުބާރާތުގައި ފެނިގެންދާނެ އެންމެ ވަރުގަދަ ގްރޫޕެވެ.
ޔުއެފާ ނޭޝަންސް ލީގުގެ އެންމެ ފަހުގެ ރަނަރަޕް ނެދަލޭންޑްސް ވެސް ލައްވާލައިފައިވަނީ ވަރުގަދަ ގްރޫޕެއްގައެވެ. ގްރޫޕް އެކެއްގައި އެ ޓީމާއެކު ދެން ހިމެނެނީ އިޓަލީ އާއި ބޮސްނިއާގެ އިތުރުން ޕޮލެންޑެވެ.
މީގެ އިތުރުން އިންގްލެންޑާއި ބެލްޖިއަމް ލައްވާލައިފައިވަނީ ވެސް އެއް ގްރޫޕަކުއެވެ. ގްރޫޕް ދޭއްގައި ދެން ހިމެނެނީ އައިސްލެންޑާއި ޑެންމާކެވެ. ނިމިދިޔަ ވޯލްޑް ކަޕްގައި އިންގްލެންޑް އަދި ބެލްޖިއަމް ވަނީ ދެ ފަހަރު ބައްދަލުކޮށްފައެވެ. މި ދެމެޗު ވެސް ބެލްޖިއަމުން ވަނީ ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އައިސްލެންޑުން ވަނީ އެންމެ ފަހުގެ ޔޫރޯގެ ދެވަނަ ބުރުގައި އިންގްލެންޑް ކަޓުވާލާފައެވެ.
ގްރޫޕް ހަތަރެއްގައި ލައްވާލީ 2010 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިން އާއި 2014 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ޖަރުމަނެވެ. މި ގްރޫޕަކީ ވެސް ވަރުގަދަ ގްރޫޕެކެވެ. ސްޕެއިން އާއި ޖަރުމަންގެ އިތުރުން މި ގްރޫޕުގައި ދެން ހިމެނެނީ ސްވިޒަލެންޑާއި ޔޫކްރެއިން އެވެ.
ޔުއެފާ ނޭޝަންސް ލީގު ފަށާނީ ސެޕްޓެމްބަރު މަހުގައެވެ. އަދި މި މުބާރާތް ކުޅެވިގެންދާނީ މުޅި ސީޒަނަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގައެވެ.